ރިޕޯޓް

ލަންކާ ހަމަލަ: ރާއްޖެއަށް އޮތް ނުރައްކަލުގެ ސިފަ!

މިދިއަ އާދިއްތަ ދުވަހު ލަންކާގެ ރައްޔިތުންގެ އެންމެ ހެނދުނުގެ އަރާމު ނިދިން މަހުރޫމް ކޮށްލީ އެ ގައުމުގެ ކްރިސްޓިއަނުން އަޅުކަން ކުރާ ފައްޅިތަކެއްގެ އިތުރުން ޓޫރިސްޓުން ފުރިބާރުވެފައިވާ ހޮޓާތަކަކަށް ދިން ރަހުމްކުޑަ ހަމަލާތަކުންނެވެ. އެ ހަމަލާތަކުގެ ހަބަރު ތިލަވުމާއެކު ދިވެހިންނަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. އަވަށްޓެރި ސްރީލަންކާއަކީ ރާއްޖޭގެ ރައްޔިތުންނާއި އަބަދުވެސް ހާއްސަ ގުޅުމެއް އުފެދިފައިވާ ގައުމެއްވީމަ އެވެ. ލަންކާއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ފަދައިން، ދިވެހިންގެ ދެވަނަ ވަޒަނަށް ވެސް ވީތީ އެވެ. އެ ގައުމުގައި 15،000 ދިވެހިންގެ އާބާދީއެއްވެސް އޮތުމުންނެވެ.

ދިވެހިން އެންމެ ކަންބޮޑުވާންޖެހެނީ އެ ހަމަލާތަކުގެ އަސްލަށް ނަޒަަރު ހިންގާލުމުންނެވެ. ރާއްޖެއާ އަޅާބަލާއިރު ދީނީ ހަރުކަށި ފިކުރުގެ މޫތައް ފެތުރިފައިވާ މިންވަރު ކުޑަ ގައުމަކަށް ކުރިމަތިވެފައިވާ ބިރުވެރި ހާލަތަކީ ދިވެހި ރައްޔިތުންނަށާއި ސަރުކާރަށް ވެސް ނުރައްކަލުގެ ރަނގަބީލެކެވެ.

އައިސިސްގެ ބައިވެރިވުން ރާއްޖެއަށް ބިރުބޮޑު

ލަންކާގައި ދިން ލާއިންސާނީ ހަމަލާތަކާއި ގުޅިގެން ފެތުރިގެންދިޔަ އެންމެ ބޮޑުބިރު އިއްޔެ ވަނީ ހަގީގަތަކަށްވެފަ އެވެ. ކުރިން އަޑުވެސް އަހާފައިނުވާ އިސްލާމީ ހަރުކަށިގެ ފިކުރުގެ "ނެޝަނަލް ތައުހީދު ޖަމާއަތު" ނަމަކަށް ކިޔާ ޖަމާއަތަށް ސީރިއާ އަދި އިރާގުގައި ހަރަކާތްތެރިވަމުންދިޔަ އިސްލާމިކް ސްޓޭޓް (އައިސިސް) އިން އެހީތެރިކަން ފޯރުކޮށްދިންކަމަށް އެއްބަސްވެ، އެ ހަމަލާތަކުގެ ޒިންމާ ވަނީ ނަގައިފަ އެވެ.

ރާއްޖެއަށް ބިރު ބޮޑުވަނީ އެ ހިސާބުންނެވެ. އާބާދީގެ ނިސްބަތުން، އައިސިސް ފަދަ ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅިގެން ބޭރު ގައުމުތަކުގައި ކުރެވޭ ހަނގުރާމަތަކުގައި ބައިވެރިވާ ދިވެހިންގެ އަދަދު ގިނަ އެވެ. ހާއްސަ ގޮތެއްގައި، އައިސިސް އިން ސީރިއާގައި ކުރަމުންދިޔަ ހަނގުރާމަ ނާކާމިޔާބުވުމުން، ލޭއޮހޮރުވުމުގެ ތަޖުރިބާ ލިބިގެންތިބި އެކި ގައުމުތަކުގެ ހަނގުރާމަވެރިން އެނބުރި އެމީހުންގެ ގައުމުތަކަށް ގޮސްފައިވުމަކީ މުޅި ދުނިޔެއިން ވެސް ކަންބޮޑުވުން ފާޅުކުރަމުން އަންނަ މައްސަލަ އެކެވެ. އަދި އައިއެސް މޫތަކުން އެ ޖަމާއަތުގެ ކުރިތައް އެހެން ގައުމުތަކުން ފެޅުމުގެ ފުރުސަތު ބޮޑުކަމުގެ އިންޒާރުތައް ވެސް ދުނިޔޭގެ ކަމާބެހޭ އިދާރާތަކުން ތަކުރާރުކޮށް ވަނީ ދީފަ އެވެ.

ލަންކާގައި ދިން ހަމަލާތަކުގެ ފަހަތުގައި ތިބި މީހުންނަކީ އައިސިސްގެ ފިކުރަށް ތާއީދުކުރާ ބައެއްކަން މިހާރު ވަނީ ހާމަވެފަ އެވެ. ނަމަވެސް، އެ މީހުން އެއްވެސް އިރެއްގައި ސީރިއާ ފަދަ ގައުމެއްގައި ހަރަކާތްތެރިވިކަމެއް ނުވަތަ އެ ޖަމާއަތުން ތަމްރީން ލިބިފައިވާކަމެއް އަދި ސާފެއްނުވެ އެވެ. އެހެނަސް، ގަބޫލުކުރަންޖެހޭ ހަގީގަތަކަކީ، ލަންކާގައި 25 އަހަރު ވަންދެން ކުރި ދާހިލީ ހަނގުރާމައިގެ ތެރެއިން ތަމަޅަ ޓައިގަރުން ނުވަތަ އެލްޓީޓީއީ އިން ވެސް ނުދޭ ފަދަ ނުރައްކާތެރި ހަމަލާތަކެއް ކުޑަކުޑަ ޖަމާއަތަކުން ކާމިޔާބުކުރިކަމެވެ. ދުރުގައި އޮވެގެން ނަމަވެސް، މާގިނަ ވަސީލަތްތަކެއް ނެތް ޖަމާއަތެއް އެހާ ބޮޑަށް ރޭވިގެން އެފަދަ ވަރުގަދަ ހަމަލާތަކެއް ދިނުމުގެ ގާބިލުކަން ލިބިފައިވާ ދަރަޖައަށް އުފުލާދެވިފައިވާކަމީ ވަރަށްވެސް ނުރައްކާތެރި ފާލެކެވެ.

ހާއްސަކޮށް އެހަމަލާތަކަކީ މިދިޔަ މަހު ނިއުޒީލެންޑުގެ ކްރައިސްޓްޗާޗުގެ ދެ މިސްކިތަކަށް ބަޑިން ހަމަލާދީ އެތަކެއް މުސްލިމުންނެއް މަރާލުމުގެ ބަދަލުހިފުމެއްކަމަށް މިހާރު ތިލަވެފައިވާތީ އެވެ. ޓެރަރިސްޓް ޖަމާއަތްތަކުން އާންމު ގޮތެއްގައި ހަމަލާތައްދެނީ ވަކި ގައުމެއްގައި ސަރުކާރުން ކޮށްފައިވާކަމަކާ އޮތް ހިތްހަމަނުޖެހުމެއް ހުއްޖަތަކަށް ހަދައިގެންނެވެ. ނަމަވެސް، އެތަކެއް މޭލު ދުރުގައި މުޅިން އެހެން ބައްރެއްގައި އޮތް ގައުމެއްގައި އެންމެ މީހަކު ދިން ހަމަލާއެއްގެ ބަދަލުހިފަން، ކަމާ ނުވެސް ބެހޭ ގައުމެއްގެ ގާތްގަނޑަކަށް 400 އެއްހާ ފުރާނަ ގުރުބާންކޮށްލުމަކީ ވަރަށް ބިރުވެރި ބާބެއްގެ ފެށުމެކެވެ.

ނިއުޒީލެންޑުގެ ދިން މިސްކިތް ހަމަލާގެ ބަދަލުހިފުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ "ހަގީގީ މުސްލިމުން" ތެދުވުމަށް އައިސިސްއިން ގޮވާލި ގޮވާލުމަށް، އެ ޖަމާއަތުގެ ފިކުރު މާބޮޑަށް ފެތުރިފައިނުވާ ލަންކާ ފަދަ ގައުމެއްގައި ތިބި ބަޔަކު އެވަނީ އިޖާބަދީފަ އެވެ. ލަންކާއާ އަޅާބަލާއިރު، ސީދާ އައިސިސް ފަދަ ޖަމާއަތްތަކުން ތަމްރީނުވެގެން، ލޭއޮހުރުވުމާއި ހަނގުރާމައިގެ ތަޖުރިބާ ލިބިފައިތިބި ދިވެހިން ރާއްޖެއަށް އެނބުރި އައިސް ދިރިއުޅެމުންދާކަމީ ފެންނާންއޮތް ހަގީގަތެކެވެ.

ރާއްޖެ ތަފާތު

ފަހަރުގައި ރާއްޖެއަކީ 100 ޕަސަންޓް މުސްލިމު ގައުމެއް ކަމާ ދިވެހި ފަސްގަނޑުގައި ބަދަލުހިފަން ހަމަލާދޭނެ ފައްޅިތަކެއް ނެތުމުގެ ސަބަބުން ނުރައްކާ ކުޑަކަމަށް ބުނުމުގެ ޖާގަލިބެ އެވެ. ނަމަވެސް، ލަންކާގައި ފައްޅިތަކުގެ އިތުރުން ހަތަރު ހޮޓަލެއްގައި ބަޔަކު ޖާނުންފިދާވެގެން ބޮމުގެ ހަމަލާތައްދީފައިވަނީ ޓޫރިސްޓުންނަށް އަމާޒުކޮށެވެ. ރާއްޖެއަކީ ދުނިޔޭގެ އެކި ގައުމުތަކުން އަހަރަކު ދޮޅު މިލިއަނެއްހާ ޓޫރިސްޓުން ޒިޔާރަތްކުރާ ގައުމެކެވެ. އަދި އެފަދަ "ކާފަރުންނަށް" ދިވެހި ފަސްގަނޑަށް އެރިޔަ ދީގެން ނުވާނެކަމަށް ގަބޫލުކުރާ ބަޔަކު ރާއްޖޭގައި އުޅޭކަމުގެ ހަގީގަތަށް 2007 ވަނަ އަހަރު ސަލްޓަނުގައި ގޮއްވާލި ބޮމާއެކު ގައުމު ހޭލައްވައިލި އެވެ. އޭގެ 12 އަހަރު ފަހުން، އެ ހާލަތު ވަނީ އިތުރަށް ގޯސްވެފަ އެވެ. ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ބިރުވެރި ފިކުރު ވަނީ އިތުރަށް ފެތުރިފަ އެވެ. މީގެ ދެ އަހަރު ކުރިން ރާއްޖޭގައި ޖާނުންފިދާވެގެން ހަމަލާތަކެއް ދޭން ރާވަމުންދިޔަ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުވެސް ކުރި އެވެ. ދާދި ފަހުން އެމީހުން ބަންދުން ދޫކޮށްލަން ކުރި ހުކުމް ބާތިލުކޮށް އެ ދެ މީހުން ވަނީ އަނބުރާ ޖަލަށް ގެންގޮސްފަ އެވެ.

އެ މުއްދަތުގެ ތެރޭގައި، ބޭރުގެ ހަނގުރާމަތަކުގައި ބައިވެރިވެ ނުވަތަ ބައިވެރިވާން ދާން އުޅުމުގެ ތުހުމަތުގައި އެތަކެއް ބަޔަކަށް ދައުވާތައް ވަނީ ކުރެވިފަ އެވެ. އެ މީހުންނަކީ ސީދާ އައިސިސް ފަދަ ޖަމާއަތަކަށް ހަމްދަރުދީވާ، އެ ފިކުރަށް ތާއީދުކުރާ، އެ ޖަމާއަތްތަކުން މީގެ ކުރިން ގޮވާލި "ޖިހާދަށް" އިޖާބަދީ، އާއިލާއާ އަމިއްލަ ވަޒަން ދޫކޮށް ދިޔަ މީހުންނެވެ.

ލަންކާގެ ސަލާމަތީ ބާރުތައް ފެއިލްވުމަކީ ރާއްޖެއަށް ފިލާވަޅެއް

ލަންކާއިން މިހާތަނަށް ތިލަވަމުން އަންނަ މައުލޫމާތުތަކަށް ބަލާއިރު، އާދީއްތަ ދުވަހުގެ ހަމަލާތައް ރާވަމުންދިޔަ ކަމުގެ މައުލޫމާތު އެގައުމުގެ ސަލާމަތީ ބާރުތަކަށް ލިބިފައިވާކަން ވަނީ ހާމަވެފަ އެވެ. ހަމަލާތައް ދިނުމުގެ އެތައް ދުވަހެއް ކުރިން އެމެރިކާ އަދި އިންޑިއާ އިން ވެސް އެ މައުލޫމާތު ލަންކާގެ ޖާސޫސީ އިދާރަތަކާއި ހިއްސާކުރިކަން މިހާރު އެނގެ އެވެ. އެ ހަމަލާތަކުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތު ކުރެވޭ މީހާ ދީނީ ފަތުވާގެ ނަމުގައި އޭނާގެ ނުރައްކާތެރި ފިކުރު ފަތުރަމުން ދާކަމުގެ އިންޒާރުތައް ލަންކާގެ މުސްލިމުންގެ ފަރާތުން ހިއްސާކުރިކަންވެސް މިހާރު ވަނީ ތިލަވެފަ އެވެ.

ކޮންމެ ނަޒަރަކުން ބެލި ނަމަވެސް، ލަންކާގައި އާދީއްތަ ދުވަހު ދިން ހަމަލާތަކަކީ އެ ގައުމުގެ ޖާސޫސީ އިދާރާތަކާ، ސަލާމަތީ ބާރުތަކުގެ ބޮޑު ފެއިލްވުމެކެވެ. ހަމަލާދިނުމުގެ އެތަކެއް ދުވަހެއް ކުރިން، އެ ހަމަލާތައް ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ ނަންތައްވެސް ކަމާބެހޭ އިދާރާތަކަށް ލިބިފައިވާކަމަށް ސަރުކާރުން މިހާރު ވަނީ އެއްބަސްވެފަ އެވެ. ކްރިސްޓިއަނުންގެ ފައްޅިތަކަކަށް އަމާޒުކޮށް ހަމަލާތަކެއް ދޭން ރާވަމުންދާ ކަމުގެ މައުލޫމާތު އެނގިތިބެ، އެކަން ސީރިއަސްކޮށް ނަގާނެ އެއްވެސް އޮފިޝަލަކު ނުވި އެވެ. ރައީސާއި ބޮޑު ވަޒީރާއި ހަމައަށް އެ މައުލޫމާތު ހިއްސާކުރަންޖެހޭކަމަށް ގަބޫލުކުރެވިގެން އެ ޒިންމާ ނަގާނެ އެންމެ ކޮނޑެއްވެސް ނެތީ އެވެ.

އެތަކެއް ސަތޭކަ މައުސޫމް ރައްޔިތުންތަކެއްގެ ފުރާނަ ގެއްލުމުގެ ޒިންމާ އުފުލަންޖެހޭ ބަޔަކު ހޯދަން މިހާރު ވަނީ އަވަސްވެގެންފަ އެވެ. ލަންކާގެ ސަލާމަތީ ބާރުތަކުގެ ވެރިން ބަދަލުކުރައްވާނެކަމަށް ރައީސް މައިތިރިޕާލަ ސިރިސޭނަ ވަނީ ވައުދުވެވަޑައިގެންފަ އެވެ. ނަމަވެސް، އާންމު އުސޫލުގެ ދަށުން އިދިކޮޅު އިސްވެ މުޅި ސަރުކާރު އެކުގައި އިސްތިއުފާ ދިނުމަށް ގޮވާލާ އަޑުތައް ވެސް ވަނީ ގަދަވެފަ އެވެ.

އަވަށްޓެރި ގައުމެއްގައި ދިން ހަމަލާއަކަށް ވިޔަސް، އެއީ މުޅި މި ސަރަހައްދަށް ކުރިމަތިވި ވަރަށް ބޮޑު ނުރައްކަލެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމަކީ ގަބޫލުކުރަންޖެހޭ ހަގީގަތެވެ. އެ ހަމަލާއާ ގުޅިގެން ރާއްޖޭގެ ސަލާމަތީ ހާލަތު ވަޒަންކޮށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. ލަންކާގެ ހަމަލާތަކާއި ގުޅިގެން، ރާއްޖޭގެ ސަލަމާތީ ބާރުތައް އެކްޓިވޭޓްވެގެން ދިޔަ މަންޒަރު ފެނިގެންދިޔަ އެވެ. މާބޮޑު ތަފްސީލެއް ހާމަނުކުރި ނަމަވެސް، ފުލުހުންނާ، ސިފައިންގެ އިތުރުން އިމިގްރޭޝަން ފަދަ އިދާރާތަކުން ގުޅިގެން ހާއްސަ މަސައްކަތްތަކެއް ފަށައިގެން ކުރިއަށްދާ ކަމުގެ އިޝާރާތެއް ރައީސް ސޯލިހު ވެސް ވަނީ ދެއްވައިފަ އެވެ.

ލަންކާއާ އަޅާ ބަލާއިރު، ދީނީ ހަރުކަށި ވިސްނުމުގެ މާ ނުރައްކާތެރި ބަޔަކު ރާއްޖޭގައި އުޅޭކަން އެނގެން އެބައޮތެވެ. އެފަދަ ބައެއްގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކަލެއްގެ ސަބަބުން، އެމީހުންގެ ހަރަކާތްތައް ކަމާބެހޭ އިދާރާތަކުން ބަލަމުންދާ މިންވަރަކީ އެކި ފަހަރު މަތިން ފާޅުކުރެވެމުންދާ ކަންބޮޑުވުމެކެވެ. ލަންކާގެ ހާދިސާއަކީ ރާއްޖޭގެ ސަލަމާތީ ބާރުތަކަށް ފިލާވަޅަކަށްވާންޖެހެ އެވެ. ހާއްސަކޮށް ފުލުހުން އަދި ސިފައިންގެ އިންޓެލިޖެންސް އިތުރަށް ފާރަވެރިވާންޖެހޭ ކަމުގެ ރަނގަބީލެވެ. ދައުލަތުގެ ކަމާބެހޭ ހުރިހާ އިދާރާތަކެއް ގުޅިގެން، މައުލޫމާތު ހިއްސާކުރެވި ރައްކާތެރި ފިޔަވަޅުތައް އަޅަން އަވަސްވެ ގަންނަންޖެހޭ މިންވަރު ސިފަވެގެން ދިޔަ ސާފު ހެއްކެވެ. ދެވަނަ ވަޒަނުގެ ގޮތުގައި ދިވެހިން ދެކޭ ލަންކާގައި ފެނިގެންމިދަނީ އެކަމަށް ސަރުކާރުން ނުކުޅެދުމުގެ ނަތީޖާ އެވެ.