ހަބަރު

ޓެރަރިޒަމް ހުއްޓުވަން ސަރަހައްދީ ވަސީލަތްތައް ވަރުގަދަކުރަަންޖެހޭ: މާރިޔާ

May 11, 2019
1

ދީނީ ގޮތުން އަދި އެނޫން ގޮތަކުން ވެސް ހައްދުފަހަނައަޅާފައިވާ މީހުންގެ ފަރާތުން މުޅި ސަރަހައްދަށް މިހާރު ނުރައްކާ ބޮޑުވެފައިވާ ކަމަށާއި، ސަރަހައްދީ ފެންވަރުގައި ވަސަީލަތްތައް ވަރުގަދަކޮށްގެން ގުޅިގެން މަސައްކަތް ކުރަންޖެހިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ދަ ހިންދޫ ނޫހަށް އީމެއިލް މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވީ ދީނީ ހަރުކަށި ފިކުރުގެ ތެރެއިން ހަތިޔާރުގެ ވަގު ވިޔަފާރިއާއި، މަސްތުވާތަކެތީގެ އިތުރުން މަނީ ލޯންޑަރިންގެ ފަދަ ބޮޑެތި ޖަރީމާތައް ހިންގުމުގެ ދޮރު މިހާރު ހުޅުވިފައިވާ ކަމަށެވެ.

"އެހެންކަމުން، ސަރަހައްދީ ފެންވަރުގައި ހުރިހާ ގައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން މިހާރުވަނީ ކުރިއަށްވުރެ މާބޮޑުތަން އިތުރުވެފައި،" މާރިޔާ ވިދާޅުވި އެވެ.

އެގޮތުން، ޖާސޫސީ މައުލޫމާތު ބަދަލުކުރުމާއި، ހާދިސާތަކަށް ސަރަހައްދީ ފެންވަރުގައި ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރުމާއި، ޓެރަރިޒަމް ހުއްޓުވުމަށް ބޭނުންވާ ވަސީލަތްތައް އިތުރުކުރުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"މިހާރު މުޅި ސަރަހައްދަށް ކުރިމަތިވެފައިވާ ބިރުވެރި ހަގީގަތާ ގުޅިގެން، މުޅި ސަރަހައްދު އަވަސްވެ ގަންނަންވީ އެކުގައި މަސައްކަތްކުރެވޭނެ ނިޒާމްތައް ވަރުގަދަކޮށް، އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރަން،" މާރިޔާ އިތުރަށް ވިދާޅުވި އެވެ.

އަވަށްޓެރި ސްރީލަންކާއަށް މިދިއަ މަހު ދިން ބޮމުގެ ހަމަލާތަކަކީ މުޅި ސަރަހައްދަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ރަނގަބީލެއްކަމަށާއި، ރާއްޖެފަދަ ޓޫރިޒަމަށް ބަރޯސާވެފައިވާ ގައުމަކުން އެފަދަކަމެއް ލުއިކޮށް ނުނެގޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެފަދަ ހާދިސާއަކަށް ތައްޔާރުވުމުގެ ގޮތުން ސަލާމަތީ ބާރުތަކާއި ކަމާބެހޭ އެހެން އިދާރާތައް ގުޅިގެން މިހާރުވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުން،" ދާދިފަހުން ފުލުހުންނާ ސިފައިން ގުޅިގެން ފެށި އެމަޖަންސީ ރެސްޕޮންސް އެކްސަސައިޒްތަކާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މާރިޔާ ވިދާޅުވި އެވެ.

އެގޮތުން، ސަލާމަތީ ބާރުތަކާއި ކަމާގުޅޭ އެހެން އިދާރާތައް ގުޅިގެން ތައްޔާރަށް ތިބޭ މިންވަރު އިތުރު ކުރުމަށާއި ނުރައްކަލާ ކުރިމަތިލުމުގައި ގާބިލްކަން އިތުރު ކުރަން މަސައްކަތްތައް ކުރަމުން އަންނަ ކަން މާރިޔާ ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ހައްދު ފަހަނައެޅުން ހުއްޓުވުމަށް މުޅި މުޖުތަމައު ޝާމިލް ވެގެން ކުރާ މަސައްކަތުގެ ތެރެއިން، ހަރުކަށި ދީނީ ފިކުރުގެ ޝިކާރައަކަށްވެފައިވާ މީހުންގެ ވިސްނުން ބަދަލުކޮށް މުޖުތަމަ އަށް އަނބުރާ ގެންނަން ހިންގާނެ ޕްރޮގްރާމެއް ސަރުކާރުން މިހާރު ފަރުމާ ކުރަމުން އަންނަ ކަމަށެވެ.

ހަނގުރާމަވެރި ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތްތަކާއި ގުޅިގެން ބޭރުގެ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވާން ގޮސްފައިވާ ދިވެހިންގެ ސީދާ އަދަދު އަދިވެސް ނޭނގޭކަމަށް މާރިޔާ އެ އިންޓަވިއުގައި ތަކުރާރުކުރެއްވި އެވެ. އެގޮތުން ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓާ (އެންސީޓީސީ) އަށް އަދަދުތައް ލިބެނީ ހަނގުރާމައަށް ގޮސްތިބި މީހުންގެ އާއިލާތަކުންނާއި އެމީހުންގެ ރަހުމަތްތެރިންގެ ފަރާތުންކަމަށްވާތީ ސީދާ އަދަދު ދެނެގަތުމުގައި ކަމާބެހޭ އިދާރަތަކަށް އުނދަގޫ މަސައްކަތަކަށްވެފައިވާކަން މާރިޔާ ފާހަގަކުރެއްވި އެވެ.

"އެންސީޓީސީއަށް އެންމެ ފަހުން ލިބިފައިވާ އަދަދުތަކަށް ބަލާއިރު، އަންހެނުންނާ ކުޑަކުދިން ނުހިމަނައި، 69 ފިރިހެނުން ވަނީ ހަނގުރާމަތަކުގައި ބައިވެރިވާން ރާއްޖެދޫކޮށް ގޮސްފައި،" މާރިޔާ ވިދާޅުވެފައިވެ އެވެ.