ހަބަރު

ޓެރަރިޒަމްގެ ތުހުމަތަށް ލަންކާއިން ހަތަރު ދިވެހިން ހައްޔަރުކޮށްފި

Feb 20, 2020

އަވަށްޓެރި ސްރީލަންކާގައި މިއަދު އަހަރު ދިން ޓެރަރިޒަމްގެ ހަމަލާތަކާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރޭގައި ހަތަރު ދިވެހިން ހިމެނޭ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.

ހަމަލާތަކާ ގުޅިގެން 216 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓްތަކުގައިވެ އެވެ.

ލަންކާ ނޫސްތަކުން އެ ގައުމުގެ ފުލުހުންގެ ލީގަލް ޑިޕާޓްމެންޓްގެ ވެރިޔާ އަޖިތު ރޮހާނައާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުން ހައްޔަރުކުރި 216 މީހުން ތެރެއިން 153 މީހަކަށް ޓެރަރިޒަމްގެ ތުހުމަތު ކުރެވެ އެވެ.

އެމީހުންގެ ބަންދު ވެސް ޓަރަރިޒަމް މަނާކޮށް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ޖަހާފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. އެ ތުހުމަތު ކުރާ މީހުންގެ ތެރޭގައި ހަތަރު ދިވެހިން ވެސް ހިމެނެ އެވެ. ނަމަވެސް އެމީހުން ހައްޔަރުކޮށް ބަންދު ޖަހާފައިވާ މުއްދަތުގެ މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

އީސްޓާ ސަންޑޭއާ ދިމާކޮށް ލަންކާގެ ތިން ފައްޅިއަކާއި ތިން ހޮޓަލަކަށް ދިން ޓެރަރިޒަމްގެ ހަމަލާގައި 200 އަށްވުރެ ގިނަ މީހުން މަރުވި އެވެ. މި ހަމަލާތަކާ ގުޅިގެން ލަންކާގެ ސެކްރިޓީ ވަރުގަދަކޮށް ބޮޑު އޮޕަރޭޝަނެއް ވެސް ފެށި އެވެ.