ހަބަރު

ޓެރަރިޒަމަށް ހިތްވަރުދޭ ތުހުމަތުތަކުގެ ޒިންމާ އެމްޑީޕީން ނަގަންޖެހޭ: އުމަރު

Apr 23, 2019
15

އަވަށްޓެރި ސްރީލަންކާގައި މިދިއަ އާދީއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކާ ރާއްޖެއާ ގުޅުން އޮތް ކަމަށް ދެކެވޭ ދޮގު ވާހަކަތަކުގެ ޒިންމާ މިހާރު ސަރުކާރުގައި އޮތް އެމްޑީޕީން ނަގަންޖެހޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ކްރިސްޓިއަނުން ފާހަގަކުރި އީސްޓާ ސަންޑޭ އާ ދިމާކޮށް ތިން ފައްޅިއެއްގެ އިތުރުން، ހަތަރު ހޮޓަލަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް 310 މީހުން މަރުވެފައިވާއިރު ޒަހަމްވި މީހުންގެ އަދަދު ވެސް މިހާރު ވަނީ 500 އަށްވުރެ މައްޗަށް އަރައިފަ އެވެ.

އެ ހަމަލާތައްދިން އިސްލާމީ ހަރުކަށި ފިކުރުގެ "ނެޝަނަލް ތައުހީދު ޖަމާއަތު" ނަމަކަށް ކިޔާ ގުރޫޕަކަށް "ބޭރުގެ ނެޓުވާކަކުން" އެހީތެރިވެދީފައިވާ ކަމަށް ލަންކާ ސަރުކާރުން ވަނީ ބުނެފަ އެވެ.

ސީރިއާ އަދި އިރާގުގައި ހަރަކާތްތެރިވަމުންދިޔަ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަރުކަށި ފިކުރަށް ތާއީދުކުރާ ބަޔަކު އެ ހަމަލާތަކުގައި ބައިވެރިވި ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ. އެގޮތުން، އެ ހަމަލާތަކުގައި ބައިވެރިވި ޒަފްރާން ހާޝިމް ނަމަކަށް ކިޔާ ލަންކާ މީހާ، ރާއްޖޭގައި އުޅުނު ކަމަށާއި، ދިވެހިންނާ ގުޅިގެން ޖިހާދަށް މީހުން ފޮނުވުމުގައި ހަރަކާތްތެރިވެފައިވާ ކަމަށް ލަންކާގެ ޓީވީ ޗެނަލަކުން ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

ނަމަވެސް، ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި ލަންކާގައި ދިން ހަމަލަތަކާ ރާއްޖެއާ ގުޅުމެއް އޮތްކަމަށް އެއްވެސް ފަރާތަކުން މައުލޫމާތު ދީފައި ނުވާ ކަމަށް ވެސް އެ ސެންޓަރުން އިތުރަށް ބުނެފައިވެ އެވެ.

އެފަދަ ދޮގު ތުހުމަތުތައް ފަތުރަމުންދާތީ އެކަމާއި ހިތާމަކުރައްވާކަން ހާމަ ކުރައްވަމުން އުމަރު ވިދާޅުވި ގޮތުގައި، އެފަދަ ތުހުމަތުތަކުގެ އިނގިލި ރާއްޖެއަށް އަމާޒުވަނީ ކުރީގެ ސަރުކާރުތަކުން ދީނީ ހައްދުފަހަނައަޅާފައިވާ މީހުނަށް ހިތްވަރުދޭ ކަމަށް ބުނެ އެމްޑީޕީން ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން ކަމަށެވެ.

އެކި ފަހަރުމަތިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާފައިވާ ވާހަކަފުޅުތަކަށް ނުސީދާކޮށް އިޝާރާތް ކުރައްވަމުން އުމަރު އިތުރަށް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ތެރޭގައި ވެސް ދީނީ ހަރުކަށި ވިސްނުމުގެ މަސައްކަތް ކުރާ ވާހަކައާ، ދިވެހި ދައުލަތުގެ އަޑީގައި އެހެން ދައުލަތެއް އޮންނަ ވާހަކަތައް ދައްކާފައިވާ ވުމަކީ ރާއްޖެއަށް އެފަދަ ތުހުމަތުތައް އަމާޒުވާ މައިގަނޑު ސަބަބު ކަމަށެވެ.

"ރާއްޖެއަކީ ޓެރަރިޒަމަށް މަގުފަހިކޮށްދޭ ގައުމެއް ނޫން ކަމަށް ބޭރު ދުނިޔެއަށް ބުނެދޭން މިއަދު ޖެހިފައިވާ ބޭފުޅަކީ، ދަރުމަވަންތަ މިސްކިތުގައި ގަވައިދާ ހިލާފަށް ހުކުރު ކުރަމުން ދަނިކޮށް އެކަން ހުއްޓުވަން 2014 ވަނަ އަހަރު ފިޔަވަޅުއަޅަން އަޅުގަނޑު މަސައްކަތް ކުރި ދުވަހު، ފުލުހުންނަށް ހުރަސް އެޅުމަށް މިސްކިތް ދޮރުމަތީގައި އެދުވަހު ހުންނެވި މިއަދު ފޮރިން މިނިސްޓަރެވެ،" އުމަރުގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.

އަދި ސިޔާސީ މަންފާ ހޯދުމަށް ގައުމުގެ އަގު ވެއްޓޭ ގޮތަށް މަސައްކަތް ކުރުމުގެ ގެއްލުން މިއަދު އެމްޑީޕީ ސަރުކާރަށް އިހުސާސް ކުރެވޭނެ ކަމަށް ވެސް އުމަރު ވިދާޅުވެފައިވެ އެވެ.

"އެމީހުން ރޯކުރި އަލިފާން ނިއްވަންޖެހިފައި މިވަނީ އެމީހުންނަށެވެ،" އުމަރު ވިދާޅުވި އެވެ.

ލަންކާއަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން، ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ހަގީގަތާ ހިލާފު މައުލޫމާތު ނުފެތުރުމަށް މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ގޮވާލައްވައިފަ އެވެ.

އެ ހަމަލާގައި ދިވެއްސަކު ބައިވެރިވެފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައިނުވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ.

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ސްރީލަންކާގައި މިއަދު ދިން ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެން ރާއްޖޭގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށްފަހު ސިފައިންނާއި ފުލުހުން ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދޭން ބޭއްވި ބައްދަލުވުމުގައި ކޮމިޝަނާ ވިދާޅުވީ ހަމަލާތަކާ ގުޅިގެން މިހާތަނަށް ފުލުހުން ބެލިބެލުމުން އެއްވެސް ދިވެއްސަކު އެ ހަމަލާތައް ދިނުމުގައި ބައިވެރިވެފައިވާކަން ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ. އަދި އެއްފަދަ އެއްވެސް މައުލޫމާތެއް ވެސް ލިބިފައިނުވާ ކަމަށެވެ.