އުމަރު ނަސީރު

އުމަރު ވިދާޅުވިޔަސް ރައީސް ޔާމީން ނަޝީދާއެކު ޑީލެއް ނުހައްދަވާނެ: ސައީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ އެކު ސިޔާސީ ގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު އެއްވެސް ޑީލެއް ނުހައްދަވާނެ ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުގެ މަގާމުވެސް ފުރުއްވި ސައީދު މިހެން ވިދާޅުވީ ރައީސް ޔާމީން، ރައީސް ނަޝިދާއެކު ސިޔާސީ ޑީލެއް ހައްދަވައިފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ އުމަރުގެ ވާހަކަތައް ސައީދު ސިފަކުރެއްވީ ސިޔާސީ ފައިދާއަކަށް ދެއްކެވި ވާހަކަތަކެއްގެ ގޮތުގަ އެވެ.

"އުމަރަކީ މިހާރު ސިޔާސީ ބުރަދަނެއްވެސް ހުރި ބޭފުޅެއް ނޫން. އެހެންވީމާ އަޅުގަނޑަށް ބުރަވެވެނީ ސިޔާސީ ގޮތުން މަންފާއެއް ހޯދަން އުމަރު ދެއްކެވި ވާހަކަތަކެއް ކަމަށް. ދެން ރައީސް ޔާމީނަކީ ދިވެހި ގައުމިއްޔަތާއި މިނިވަންކަމުގެ ދިފާއުގައި ހުންނެވި ހަމައެކަނި އިދިކޮޅު ލީޑަރު. ދެން ތިބި ހުރިހާ އެންމެން އެތިބީ އެހެން ޖާޑިއަކަށް އަރާ" ސައީދު ވިދާޅުވި އެވެ.

ސައީދުގެ ނަޒަރުގައި ރައީސް ޔާމީނަކީ ގައުމު ބިނާކުރުމަށާއި ތަރައްގީ ގެނެސްދިނުމަށް މަސައްކަތް ކުރެއްވި ދެވަނައެއް ނެތް ލީޑަރެކެވެ. އަދި މިއީ އެމްޑީޕީގެ ފިކުރާ މުޅިން ދިމާ އިދިކޮޅު ފިކުރެއް ކަންވެސް ސައީދު ފާހަގަކުރެއްވި އެވެ. އެހެންކަމުން ރައީސް ޔާމީން ސިޔާސީ ގޮތުން ރައީސް ނަޝީދާ ޑީލެއް ކުރިއަށް އޮތް ތަނުގައިވެސް ނުހައްދަވާނެ ކަމުގެ ޔަގީންކަން ސައީދު ދެއްވި އެވެ.

އުމަރު ވިދާޅުވީ ރައީސް ރައީސް ނަޝީދާއެކު ޑީލް ހެއްދެވީ ރައީސް ޔާމީން، ޖަލު ހުކުމުން ސަލާމަތްވުމުގެ ގޮތުން ކަމަށެވެ. ނަމަވެސް ފެންނަ ހިސާބުގައި އެފަދަ ޑީލެއް ރައީސް ޔާމީން ނުހައްދަވާނެ ކަމަށާއި އެފަދައިން އަމަލުކޮށްފިނަމަ ސިޔާސީ ކެރިއަރު ނިމިދާނެ ކަމަށެވެ.

ވަކި ޝަރުތުތަކަކާ އެކު ސިޔާސީ ގޮތުން ޕީޕީއެމްއާ އެކު މަސައްކަތް ކުރައްވަން ބޭނުންވާ ކަމަށް ރައީސް ނަޝީދު ތަކުރާރުކޮށް މިފަހުން ގެންދަވަނީ ވިދާޅުވަމުންނެވެ. ނަަމަވެސް އިދިކޮޅުން އެ ދައުވަތު ގަބޫލުކޮށްފައެއް ނުވެ އެވެ.

އުމަރު ދެއްކެވި ވާހަކަަތަކަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

އަބްރުއްރަހީމް ވެސް ވިދާޅުވީ ރައީސް ޔާމީނަކީ އެއްވެސް ބޭފުޅަކާއެކު ސިއްރު ޑީލް ހައްދަވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި އަމުދުން ރައީސް ނަޝީދާއެކު ރައީސް ޔާމީން ހައްދަވާނެ ޑީލެއް ނޯންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ރާއްޖޭގެ ސިޔާސީ މައިދާނުގައި އެއްގޮތެއްގައި ސާބިތުވެ ހުންނެވި ހަމަ އެކަނީ ލީޑަރަކީ ރައީސް ޔާމީން. ރައްޔިތުންނަށް އެކަން ވަރަށް ސާފު" އުމަރަށް ރައްދު ދެއްވައި އަބްދުއްރަހީމް ވިދާޅުވެފައިވެ އެވެ.