މި ސަރުކާރުގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިއަދު ޓްވީޓާގައި ދައްކަމުންދާ މަޝްރޫއުތަކުގެ ތެރޭގައި ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފަށާފައިވާ ބައެއް މަޝްރޫއުތަކުގެ ފޮޓޯ ވެސް ހިމެނޭ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގެންނެވި ކޮންމެ ރަށެއްގެ މީހުން ބޭނުންވާ ކަމަށް އެމަނިކުފާނު އަރިހު ބުނި ކޮންމެ ކަމެއް ވެސް ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ކަމަށެވެ.
ނަތީޖާއެއްގެ ގޮތުން ސަރުކާރާއި ރައްޔިތުންގެ މަޖިލީސް ވެސް އެމްޑީޕީއަށް ރައްޔިތުން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިނިވަން މުއައްސަސާތަކާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ތިއްބެވި އެމްޑީޕީގެ އިސް ބޭފުޅުން ޖުޑިޝަރީ ވެސް އޮތީ އެ ޕާޓީގެ މުށުތެރެއަށް ލާފައި ކަމަށް ސައީދު ވިދާޅުވި އެވެ.
"ސަރުކާރު ދީފި، މިނިސްޓްރީތައް ދީފި، މަޖިލިސް ވެސް ދީފި، 65 ގޮނޑި، ސުޕަ މެޖޯރިޓީ ދީފި، މިނިވަން މުއައްސަސާތަކަށް ބާރު ފޯރުވަނީ، ޖޭއެސްސީގެ ތެރެއިން ޖުޑިޝަރީއަށް އެމްޑީޕީން ބާރު ފޯރުވި ވާހަކަ ބުނަން ވެސް ނެތިން، އެނގޭ އެއްޗަކީ މުޅި ދައުލަތް އެމްޑީޕީގެ މުށު ތެރޭގައި އޮތް ކަން." ސައީދު ވިދާޅުވި އެވެ.
ނަމަވެސް އެމްޑީޕީގެ ސަރުކާރަށް އެއްވެސް ކަމެއް ކުރެވިފައި ނުވާ ކަމަށާއި އެ ކަން ރައްޔިތުންނަށް އިހުސާސް ކުރެވިގެން މިދިޔަ ހުކުރު ދުވަހު އިދިކޮޅު ޕީޕީއެމް އިން ބޭއްވި ކެމްޕޭން ފެށުމުގެ ޖަލްސާގައި އެތައް ރައްޔިތުން ބައިވެރިވީ ވެސް އެހެން ވެގެން ކަމަށް ސައީދު ވިދާޅުވި އެވެ.
އެ ޖަލްސާ ފެނި އެމްޑީޕީގެ ލީޑާޝިޕަށް ކެތް ނުވެގެން ޓްވީޓާގައި "ހަނގުރާމައެއް" ފަށާފައިވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރައީސް ކަން ކުރެއްވި މުހައްމަދު ނަޝީދު އިސްވެ ހުންނަވައި މަޝްރޫއުތައް ހިނގާކަން ދެއްކުމުގެ ގޮތުން އެތައް މަޝްރޫއެއްގެ ފޮޓޯ ލާފައިވާ ކަމަށެވެ.
ސައީދު ވިދާޅުވި ގޮތުގައި އެ ކޯޅުމުގެ ތެރޭގައި ވަރަށް "އާދަޔާ ހިލާފު ކަންކަން" ވެސް ފެންނަމުންދާ ކަމަށެވެ. އެ ގޮތުން އެ އެއް ރަށެއްގައި ކުރާ މަސައްކަތެއްގެ ފޮޓޯއެއް ތިންހަތަރު އެހެން ރަށްރަށުގައި ކުރާ ކަންކަން ގޮތުގައި ވެސް ލަމުންދާ ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު މިއަދު ކުރެއްވި ދެ ޓްވީޓެއްގައި ވަނީ ހދ. ނެއްލައިދޫ އާއި ހދ. ވައިކަރަދޫގައި ހިނގަމުންދާ މަޝްރޫއުތަކުގެ ފޮޓޯ ލީއިރު، އެއް މަޝްރޫއެއްގެ ފޮޓޯތަކެއް ވެސް ޓްވީޓް ކުރެވިފަ އެވެ.
އެކަން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމަށް ފާހާގަ ކުރެއްވުމުން ޓްވީޓެއް ވެސް ކުރެއްވި އެވެ. އެ ޓްވީޓަށް ހަސަން ލަތީފު ޖަވާބު ވެސް ދެއްވި އެވެ. ވިދާޅުވީ އެހާ ގިނަ ރަށްރަށުގައި އެހާ ގިނަ މަޝްރޫއުތައް ހިނގަމުންދާތީ އެފަދަ ކަމެއް ވެސް ވެގެން ދިޔައީ ކަމަށެވެ.
ސައީދު މިރޭ ވިދާޅުވީ މަޝްރޫއުތަކުގެ ފޮޓޯ ލަމުން ޕީޕީއެމްގެ ސަރުކާރުގައި ހިނގި މަޝްރޫއުތަކުގެ ފޮޓޯތައް ވެސް އެއީ މި ސަރުކާރުން ހިންގަމުންދާ މަޝްރޫއުތަކުގެ ގޮތުގައި ޓްވީޓް ކުރައްވާފައިވާ ކަމަށެވެ. މިސާލެއްގެ ގޮތުގައި ނެންގެވީ ހުޅުމާލޭގައި އަޅަން ފަށާފައިވާ ޑިސްޓްރިބިއުޝަން ސެންޓަރުގެ މަޝްރޫއެވެ.
"ރައީސް ޔާމީންގެ މަޝްރޫއުތައް ސިއްރުން ޓްވީޓާ ފީލްޑް ތެރެއަށް ލައިގެން މި މީހުންގެ ޕްރޮޖެކްޓްތައް ގޮތުގައި ލައިގެން ވެސް ދައްކަނީ، އޭގެ އެއް މިސާލު އެއީ ހުޅުމާލޭގައި ރައީސް ޔާމީންގެ ސަރުކާރުން ހަދަން ފެށި ޑިސްޓްރިބިއުޝަން ސެންޓަރަކީ. މި ވެސް މި މީހުންގެ ޕްރޮޖެކްޓަކަށް ހަދައިފި. ސީޕްލޭން ޓާމިނަލްގެ ވާހަކަ މި ވަރަށް ނުދެއްކިނަމަ އެ ވެސް މި މީހުން ޕްރޮޖެކްޓަކަށް ހެދީސް." ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ސަރުކާރުގެ އިސް ބޭފުޅުން މި ޓްވީޓާ ހަނގުރާމައެއް ފަށައިގެން މި އުޅެނީ އިތުރު އެއްވެސް ކަމެއް ވެގެން ނޫން ކަމަށާއި ޕީޕީއެމްއަށް އޮތް ތާއީދު ފެނިގެން ކަމަށެވެ. ސައީދު ވިދާޅުވީ އިގްތިސާދަށް ހެޔޮ ބަދަލެއް ބޭނުންވާ ކޮންމެ ރަައްޔިތަކު ނުކުންނަންވީ ވަގުތު ޖެހިފައިވާ ކަމަށާއި އަންނަ ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.