ހަބަރު

ލަންކާ ހަމަލާ: ހައްޔަރުކުރި ދިވެހިން ދޫކޮށްލައިފި

މިދިޔަ މަހު އަވަށްޓެރި ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކަށްފަހު އެކަމުގައި ބައިވެރިވި އިތުރު މީހުން ހޯދުމުގެ އޮޕަރޭޝަންގެ ދަށުން ހައްޔަރުކޮށްފައި ތިބި ހުރިހާ ދިވެހިން މިހާރު ދޫކޮށްލާފައިވާ ކަމަށް އެގައުމުގައި ހުންނަ ދިވެހި އެމްބަސީން ބުނެފި އެވެ.

ބާރުތަކުން މިހާރު ހިންގަމުން ދާ ބަލައި ފާސް ކުރުމުގެ ބޮޑު އޮޕަރޭޝަންގެ ތެރެއިން ހަމަލާދިން ދުވަހަށްފަހު ގާތްގަނޑަކަށް 13 ދިވެއްސަކު ހައްޔަރުކުރި ކަމަށް ފޮރިން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް، އޭގެ ތެރެއިން އެއް ބައި މީހުން ވަނީ އެކި ފަހަރު މަތިން ދޫކޮށްލައިފަ އެވެ.

ލަންކާގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުލް ރައްޒާގު ވިދާޅުވީ ކުއްލި ހާލަތުގެ ދަށުން ހިންގާ ބަލާ ފާސްކުރުމުގެ އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކޮށްފައި މިހާރު އެއްވެސް ދިވެއްސަކު ނެތް ކަމަށެވެ.

"ކުއްލި ހާލަތުގެ ދަށުން މިހާރު ރިމާންޑުގައި އެއްވެސް ދިވެއްސަކު ނުހުންނާނެ. ބާކީތިބި ތިން ދިވެހިންވެސް ދޫކޮށްލާފައިވަނީ އެއްވެސް ދައުވާއެއްނުކޮށް،" ސަފީރު ވިދާޅުވި އެވެ.

މިއަދު ދޫކޮށްލައިފައިވަނީ ދިރިއުޅޭ ގެއިން އައިއެސްގެ މައުލޫމާތު ހުރި ފޮތްތަކެއް ފެނިގެން ހައްޔަރުކުރި އާދަމް މުހައްމަދު މަނިކު (ފުނަމާ) އާއި ހަސަން މަނިކު (ބައިކެނޑި) ގެ އިތުރުން އަދި އެހެން ދިވެހި ފިރިހެނެކެވެ.

އުމަރު "އަވަސް" އަށް އިތުރަށް ވިދާޅުވި ގޮތުގައި، ލަންކާގައި ހިންގާފައިވާ ކުއްލި ހާލަތުގެ ދަށުން ހައްޔަރުކުރެވޭ ހުރިހާ މީހުންގެ މައުލޫމާތުތައް ޓެރަރިޒަމާއި ގުޅޭ ތިން އިދާރާއަކުން ޗެކު ކުރާ ކަމަށެވެ.

"ހައްޔަރުކުރާ ކޮންމެ މީހަކު ލަންކާގެ ސީއައިޑީ، އެސްއައިއެސް އަދި ޓީއައިޑީ އިން ސްކްރީންކުރާނެ. އެ ތިން އިދާރާގެ ކްލިއަރަންސް ލިބުނީމަ އެމީހަކު ދޫކޮށްލާނީ،" ހައްޔަރުކޮށްފައި އެހާ ގިނަ ދުވަސްވާ ސަބަބު އުމަރު ތަފްސީލުކޮށްދެއްވި އެވެ.

އިސްލާމީ ހަރުކަށި ފިކުރުގެ ޖަމާއަތަކުން މިދިޔަ މަހު ދިން ބޮމުގެ ހަމަލާތަކުގައި 250 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ލަންކާގައި ދިރިއުޅޭ މުސްލިމުންނަށް ގިނަ ބައެއްގެ ރުޅިވެރިކަން ވަނީ އަމާޒުވެފަ އެވެ.

އެގޮތުން، އެކި ހިސާބުތަކުގައި މިސްކިތްތަކަށާއި، މުސްލިމުންގެ ފިހާރަތަކަށް ގުރޫޕުތަކުން ނުކުމެ ގެއްލުންދީ ލޫޓުވަމުންދާއިރު، އެ ހަމަނުޖެހުންތަކުގައި މިހާތަނަށް މުސްލިމު ފިރިހެނެއް ވަނީ މަރާލައިފަ އެވެ.

ދިވެހިންގެ ގާތްގަނޑަކަށް 15،000 މީހުންގެ އާބާދީއެއް އޮންނަ ލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ގިނަ ބައަކު ދަނީ މިހާރު ދިރިއުޅުން ރާއްޖެއަށް ބަދަލުކުރަމުންނެވެ.