ދުނިޔެ

ނެޝަނަލް ތައުހީދު ޖަމާއަތް: ކޮން ބައެއް؟

Apr 23, 2019
4

މިދިޔަ އާދީއްތަ ދުވަހު ވަރަށް ބޮޑަށް ރޭވިގެން ފުލުފުލުގައި ސްރިލަންކާއަށް ދިން ބޮމުގެ ހަމަލާތަކުގެ ފަހަތުގައި އޮތީ އިސްލާމީ ހަރުކަށި ފިކުރުގެ މީގެ ކުރިން ގިނަ ބަޔަކު އަޑުވެސް އަހާފައި ނުވާ "ނެޝަނަލް ތައުހީދު ޖަމާއަތް" ކަމުގައި ލަންކާގެ ސަރުކާރުން ވަނީ ތުހުމަތު ކޮށްފަ އެވެ.

އެފަދަ ވަރުގަދަ ހަމަލާތަކެއް ވަރަށް ރޭވުންތެރިކަމާއެކު ދިނުމުގެ ގާބިލުކަން މާދިގު ތާރީހެއް ނެތް ނުވެސް ދަންނަ ޖަމާއަތަކަށް ލިބިނުކަމީ ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނަ އަދި ހައިރާން ކުރުވާ ކަމެކެވެ.

ޖަމާއަތުގެ ފެށުން

"ނެޝަނަލް ތައުހީދު ޖަމާއަތް" ގެ ނަން ސަރުކާރުގެ އޮފިޝަލުން ވިދާޅުވުމުގެ ކުރިން، އެއީ ލަންކާގައި ހަރަކާތްތެރިވާ ބައެއްކަން ވެސް ގިނަ ބަޔަކަށް ނޭނގެ އެވެ. ނަމަވެސް، ނެޝަނަލް ތައުހީދު ޖަމާއަތަކީ ހަމަ އެ ފިކުރުގެ "ސްރީލަންކާ ތައުހީދު ޖަމާއަތް" ގެ ތެރެއިން އުފެދިގެން އައި ގުރޫޕެއް ކަމަށް މިހާތަނަށް ތިލަވެފައިވާ މައުލޫމާތުތަކުން ހާމަވެ އެވެ.

"ސްރީލަންކާ ތައުހީދު ޖަމާއަތު" ގެ ވާހަކައެއް އާންމުންނާ ހިސާބަށް ތިލަވީ، ބުޑިސްޓުންނާ ދެކޮޅަށް ނަފުރަތު އުފެއްދައި ހަމަލާ ދިނުމަށް ހިތްވަރު ދިން ކަމުގެ ތުހުމަތުގައި އެ ޖަމާއަތުގެ ސެކްރެޓަރީ އަބްދުލް ރާޒިގު 2016 ވަނަ އަހަރު ހައްޔަރު ކުރުމުންނެވެ. ނަމަވެސް، އޭނާ ފަހުން ވަނީ އެ ވާހަކަތަކާއި ގުޅިގެން މައާފަށް އެދިފަ އެވެ.

މިދިޔަ އަހަރު ލަންކާގެ މަވަނެއްލާ ސަރަހައްދުތަކުގައި ހުރި ބުދު ފައްޅިތަކަކަށް ގެއްލުން ދިނުމުގެ ފަހަތުގައި އޮތީ "ނެޝަނަލް ތައުހީދު ޖަމާއަތް" ކަމަށް ބައެއް ރިޕޯޓުތަކުގައި ވަނީ ތުހުމަތު ކޮށްފަ އެވެ. ނަމަވެސް، ލަންކާގެ އާބާދީގެ 9.7 ޕަސަންޓް މުސްލިމުންގެ ތެރޭގައި އެ ޖަމާއަތަކީ މާ ވަރުގަދައަށް ހަރަކާތްތެރިވެފައިވާ ޖަމާއަތެއްކަމަށް ފެންނާކަށް ނެތެވެ.

އެ ޖަމާއަތުގެ ނަމުގައި ފޭސްބުކް ޕޭޖެއް ގާއިމުކޮށްފައިވީ ނަމަވެސް، އެ ޕޭޖް އެހާ ގިނައިން އަޕްޑޭޓުކޮށްފައެއް ނުވެ އެވެ. އަދި އެ ޖަމާއަތުގެ ޓްވިޓާ ޕޭޖުން އެންމެ ފަހުން ޓްވީޓެއް ކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗު މަހު އެވެ. އެ ޖަމާއަތުގެ ވެބްސައިޓަށް ވެސް ނުވަދެވެ އެވެ.

ހަމަލާތަކާ އޮތް ގުޅުން

ކްރިސްޓިއަނުންގެ އީސްޓާ ސަންޑޭ އާ ދިމާކޮށް ތިން ފައްޅިއެއްގެ އިތުރުން، ހަތަރު ހޮޓަލަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް 300 މީހުން މަރުވެފައިވާއިރު ޒަހަމްވި މީހުންގެ އަދަދު ވެސް މިހާރު ވަނީ 500 އަށްވުރެ މައްޗަށް އަރައިފަ އެވެ.

އެ ހަމަލާތައްދިން އިސްލާމީ ހަރުކަށި ފިކުރުގެ "ނެޝަނަލް ތައުހީދު ޖަމާއަތު" ނަމަކަށް ކިޔާ ގުރޫޕަކަށް "ބޭރުގެ ނެޓުވާކަކުން" އެހީތެރިވެދީފައިވާ ކަމަށް ލަންކާ ސަރުކާރުން މިހާރު ވަނީ ބުނެފަ އެވެ.

އަދި އެ ޖަމާއަތުން ކްރިސްޓިއަނުންގެ ފައްޅިތަކަށް ހަމަލާދޭން ރާވަމުންދާ ކަމުގެ އިންޒާރު މީގެ ދެ ހަފުތާ ކުރިން ލިބިފައިވާ ކަމަށް ވެސަ ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ.

އޭޕްރީލް ނުވަނަ ވަނަ ދުވަހު ޗީފް އޮފް ނެޝަނަލް އިންޓެލިޖެންސް ފޮނުއްވި ސިޓީއެއްގައި، އެ ހަމަލާ ރާވަމުންދާ މީހުންގެ މައުލޫމާތުތައް ހިމަނާފައިވާ ކަން ވެސް މިހާރު ވަނީ ހާމަވެފަ އެވެ. އެ ހަމަލާތަކުގެ މައުލޫމާތު ލަންކާގެ އިންޓެލިޖަންސް އޮފިސަރުންނަށް އެނގިފައިވާކަން ޓެލެކޮމިޔުނިކޭޝަންސް މިނިސްޓަރު ހަރީން ފެނަންޑޯ ވެސް ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް، އެފަދަ ކުޑަ ޖަމާއަތަކުން މިވަރުގެ ވަރުގަދަ ހަމަލާތަކެއް ދިނުމުގެ ގާބިލުކަން ހުރިކަން ގަބޫލު ނުކުރާ ކަމަށް ސަރުކާރުން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ. އަދި އެ ޖަމާއަތަށް އެހީތެރިވެދިން ބޭރުގެ ފަރާތްތައް ދެނެގަތުމަށް އެހެން ގައުމުތަކުގެ އެހީތެރިކަމަށް ރައީސް މައިތިރިޕާލަ ސިރިސޭނަ ވަނީ އެދިވަޑައިގެންފަ އެވެ.