ހަބަރު

ތަހުގީގީ ބާރު ލިބޭ ރިޔާސީ ކޮމިޝަން އުފައްދާ ބިލު ބަލައިގެންފި

"އިންތިގާލީ އަދާލަތު" ގެ ނަމުގައި ރިޔާސީ ކޮމިޝަން އުފެއްދަން ޖެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފި އެވެ.

ސަރުކާރު ފަރާތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒަ ފަހުމީ ހުށެހެޅި އިންތިގާލީ އަދާލަތުގެ ބިލު ބަލައިގަތުމަށް ފާސްވީ 42 މެންބަރުންގެ ވޯޓުންނެވެ. އެހެންކަމުން އިންތިގާލީ އަދާލަތުގެ ބިލު އިތުރަށް ދިރާސާ ކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުއްވުމަށް ނިންމީ އެވެ.

އިންތި ހުށަހެޅުއްވި ބިލަކީ ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެމްބަރު 17، 2018 އާ ދެމެދު ނިޒާމީ ސިފައެއްގައި ރޭވިގެން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފަރާތުން ރައްޔިތުންގެ އިންސާނީ ހައްގުތަކަށް ހިލާފަށް ކަމެއް ހިނގާފައިވޭތޯ ބަލާ ތަހުގީގު ކުރުމުގެ ބޭނުމުގައި ހުށަހެޅި ބިލެކެވެ.

އެގޮތުން އެ ބިލު މަޖިލީހުން ފާސްކޮށް، އަމަލު ކުރަން ފެށުމާއެކު އިންތިގާލީ ކޮމިޝަންގެ ނަމުގައި ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ރިޔާސީ ކޮމިޝަނެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަން ޖެހިވަޑައިގަންނަވާނެ އެވެ. އެ ކޮމިޝަންގެ މައްސޫލިއްޔަތުގެ ތެރޭގައި ކޮމިޝަންގެ އިހްތިސޯސުގައިވާ މައްސަލަތައް ދެނެގަތުމަށްޓަކައި އެފަދަ މައްސަލަތައް ހުށަހެޅުމަށް އާންމުކޮށް އިއުލާން ކުރަން ޖެހެ އެވެ.

ދެ މަސް ދުވަހުގެ ފުރުސަތެއް ދިނުމަށް ފަހު ލިބޭ ޝަކުވާތަކުގެ ތެރެއިން ކޮމިޝަންގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ، ނިޒާމީ ގޮތެއްގައި ހިންގާފައިވާ އިންސާނީ ހައްގުތަކާއި ހިލާފު އަމަލުތަކާ ގުޅިގެން ކޮމިޝަނަށް ލިބިފައިވާ ބާރުތައް ބޭނުންކޮށްގެން ތަހުގީގެއް ކުރަން ޖެހެ އެވެ.

އޭގެ އިތުރުން ނިޒާމީ ސިފައެއްގައި ރޭވިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި ހިލާާފު އަމަލުތަކުގެ ތެރެއިން މި ގާނޫނު އެ މައްޗައް ހިނގާ އަމަލުތަކުގެ ސަބަބުން އަސަރުކޮށް ހިތާމަ ކުރަމުންދާ އާއިލާތަކަށް ހާއްސަ ސަމާލުކަމެއް ދީގެން އެހީތެރިވާން އެ ކޮމިޝަނުން ޖެހެ އެވެ.

އިންތިގާލީ އަދާލަތުގެ ކޮމިޝަނަށް ލިބިދޭ ބާރުތަކުގެ ތެރޭގައި ތަހުގީގު ކުރާ މައްސަލަތަކާ ގުޅިގެން ސުވާލު ކުރުމަށާއި ހެކިބަސް ނެގުމުގެ ބޭނުމުގައި ކޮމިޝަނަށް މީހުން ހާޒިރު ކުރުމާއި ލިޔެކިޔުންތަކާއި އެހެނިހެން ތަކެތި ހޯދުމަށް އާންމު ތަންތަން ބަލާ ފާސްކޮށް އެފަދަ ތަކެއްޗާއި ތަންތަން ކޮމިޝަންގެ ބެލުމުގެ ދަށަށް ގެނައުމަށްޓަކައި ކޯޓު އަމުރަށް ވެސް އެދުން ހިމެނެ އެވެ. އަދި އަދި ޕާސްޕޯޓު ހިފެހެއްޓުމަށާއި މީހުން ހައްޔަރު ކުރުމަށް ކޯޓު އަމުރަށް އެދުމުގެ ބާރުވެސް އެ ކޮމިޝަނަށް ލިބެ އެވެ. އޭގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ތަހުގީގީ އިދާރާތަކަށް ލިބިފައިވާ ހުރިހާ ބާރެއް އެ ކޮމިޝަނަށް ވެސް ލިބޭނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.