ރިޕޯޓް

މަރުވި މީހުންގެ ހަށިތައް އާއިލާތަކަށް ވަކިނުވާ ހާލަތުގައި!

Apr 23, 2019

ކޮލޮމްބޯ ނެޝަނަލް ހޮސްޕިޓަލުގެ މޯޗަރީ ދޮށަށް ގިނަ ބަޔަކު އެއްވެގެން ކުރަމުންދަނީ ވަރަށް ހިތްދަތި މަސައްކަތެކެވެ. ލެޕްޓޮޕެއް ހިފައިގެން ހުދު ހެދުމެއްގައި ހުރި ޑޮކްޓަރެއް ވަށާލައިގެން، ލޯ ދެމުންދަނީ ލެއިން ތަތްތެޅިފައިވާ މޫނުތަކާއި، ބުރިވެފައިވާ ގުނަވަންތަކާއި އިންސާނުންގެ ހަށިގަނޑުގެ ބައިތަކުގެ ފޮޓޯތަކަކަށެވެ.

އާދީއްތަ ދުވަހު ފުލުފުލުގައި ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުން ދެނެގަތުމުގެ ބޭނުމުގަ އެވެ.

"މީހުންގެ ހަށިގަނޑުތައް އާއިލާތަކަށް ވެސް ވަކިނުވާ ވަރުވެފައިހުރީ. ގިނަ މީހުންގެ ފެނިފައިވަނީ ހަމައެކަނި އެމީހުން އަރައިގެން ތިބި ބޫޓުތައް،" މޯޗަރީގައި މަސައްކަތްކުރާ އޮފިޝަލަކު ވިދާޅުވި އެވެ.

އާދީއްތަ ދުވަހު ދިން ބޮމުގެ ރަހުމްކުޑަ ހަމަލާތަކުގެ ސަބަބުން، ލަންކާއަށް އަދިވެސް އޮތީ ކުއްލި ސިހުމެއްގަ އެވެ. އެ ހަމަލާތަކުގައި މިހާތަނަށް 300 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އިތުރު 500 މީހުން ޒަހަމްވެފައިވާ ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.

މޯޗަރީގައި ދެމައިން މަޑުކޮށްލައިގެން ތިބީ، އެ އާއިލާގެ މުސްކުޅި ކާފަ ފެނޭތޯ އެވެ. އޭނާ ހުރީ ބޮމުގެ ޝިކާރައަކަށްވި ސެއިންޓް އެންތަނީ ޗާޗުގައި ކަން އާއިލާއަށް އެނގެ އެވެ. ނަމަވެސް އެ ހަމަލާއަށްފަހު ކާފަގެ އެއްވެސް ހަބަރެއް ނުވެ އެވެ. އާދީއްތަ ދުވަހުގެ ހެނދުނުން ފެށިގެން ކާފަގެ ފޯނު ވެސް އޮތީ ނިވިފަ އެވެ. ހަމަލާތަކުގައި ޒަހަމްވި މީހުން ގެންދިޔަ ހޮސްޕިޓަލުތަކަށް އާއިލާއިން ހިނގާތާ ތިން ދުވަސްވީ އެވެ. ހޮސްޕިޓަލެއްގެ އެނދެއްގައި، ކާފަ ފެންނާނެ ކަމުގެ އުއްމީދުގަ އެވެ. ލެޕްޓޮޕުން ފޮޓޯތައް ބަލަން ފެށިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ދެމައިން ވެސް ކުއްލިއަކަށް އެއް ފަރާތަކަށް ޖެހުނެވެ.

އެ ދެ މައިންގެ އެންމެ ބޮޑު ބިރު ހަގީގަތަކަށްވީ އެވެ.

އުމުރުން 85 އަހަރުގެ ތުވާން ޔޫނުސް ވެސް އާއިލާގެ އެހެން މެމްބަރުންނާއެކު މޯޗަރީގައި ތިބީ އަރުޝަދު ޔަހުޔާގެ ހަބަރެއް ހޯދުމަށެވެ. ބޮން ގޮއްވާލި ވަގުތު، ސިނަމަން ގްރޭންޑްގައި ވަޒީފާ އަދާކުރަމުންދިޔަ އަރުޝަދު ހުރީ އޭނާގެ އުފަން ދުވަހަށް އެ ހޮޓަލުގައި ހިލޭ ހުރުމެއް ލިބުމުން އާއިލާއާއެކު ހެނދުނުގެ ސައި ބޯން ކަމަށްވެ އެވެ. އެ ހަމަލާގައި އަރުޝަދު މަރުވެފައިވާއިރު، އޭނާގެ އަންހެނުންނާއި ދެ ކުދިން ވެސް ޒަހަމްވި އެވެ.

ޔޫނުސް ބޭނުންވަނީ އަރުޝަދުގެ ޖަނާޒާ ވީއެންމެ އަވަހަކަށް ބާއްވާށެވެ.

"އެއީ އަހަރެމެން މުސްލިމުން ކުރަންޖެހޭ ކަމެއް،" އޮހެރެމުންދިޔަ ކަރުނަތަކާއެކު ރަނގަޅަށް ވާހަކަވެސް ނުދެއްކޭ ޔޫނުސް ބުންޏެވެ.

އަދިވެސް ނާމާންކަމާ ބިރުވެރިކަން

މޯޗަރީއިން ބޭރުގައި، ކޮލޮމްބޯގެ މަގުތަކުން ވެސް ސިފަވަނީ ނާމާންކަމާއި ބިރުވެރި ކަމެވެ. ހަތިޔާރު ހިފައިގެންތިބި ފުލުހުންނާ ސިފައިން ކޮންމެ މަގެއްގެ ކަންމަތިން ފެނުނު ނަމަވެސް، ގިނަ މީހުންނަށް އަދިވެސް ރާއްކާތެރިކަން އިހުސާސެއް ނުކުރެވެ އެވެ.

ލަންކާގައި މިހާރު އިއުލާނުކޮށްފައިވާ ކުއްލި ހާލަތާއެކު ގިނަ ބަޔަކު ތިބީ ގޭގެއަށް ވަދެ އެވެ. މަގު މައްޗަށް ނުކުންނަން ވެސް ބިރުންނެވެ. އަދިވެސް އިތުރު ހަމަލާތައް ދީފާނެކަމުގެ ބިރުވެރިކަމަށް ކުޑަވެސް ފިނިކަމެއް ލިބިފައިވާތަނެއް ނުފެނެ އެވެ.

ފަންސަވީސް އަހަރަށް ދިގުދެމިގެންދިޔަ ދާހިލީ ހަނގުރާމައަށްފަހު ސުލްހަވެރިކަމާއެކު 10 އަހަރު ވަންދެން ދިރިއުޅެމުން އައި ރައްޔިތުންތަކެއްގެ ހިތްތަކުގައި މިއަދުވެސް އޮތީ، މާޔޫސްކަމާއި ހިތްދަތިކަމެވެ. ބިރުވެރިކަމާއި ނާމާންކަމެވެ.