ކޮލަމް

ލަންކާ ކުރިން އަމާން މިހާރު ބިރުވެރި!

ދަރިންނަނަށް ކިޔަވައިދޭން ސްރީލަންކާގައި ދިރިއުޅުން އާބާދު ކޮށްގެން އުޅޭތާ އެތަކެއް އަހަރެއް ވެފައިވާ ކަމާމެދު ޖަދަލު ކުރަނީއެއް ނޫނެވެ. ތިމަންނާ ރާއްޖެއަށް ވުރެ އަވަށްޓެރި ލަންކާގެ ފަސްގަނޑަށް ފަރިތަވާނެއޭ ބުނެ ކުރާ ދައުވާއަށް އިންކާރު ކުރުމުގެ ކުޅަދާނެކަމެއް ވެސް ނެތެވެ.

ނަމަވެސް ނުރައްކާތެރި ހަމަލާތަކެއްގައި ގިނަ ދިވެހިން އެންމެ ލޯބިވާ ލަންކާގެ ހާލަތު މުޅީން ބަދަލުވެފައިވާ ކަން ނޭނގޭ އެއްވެސް ދިވެއްސެއް މިހާރަކު ނުހުންނާނެކަން ކަށަވަރެވެ. ގަބޫލުކުރަން ދަތިވިއަސް އެއީ ދިވެހިން ކުރިން ދަންނަ "އަޕޭ" ލަންކާއެއް ނޫނެވެ.

މިދިއަ އާދީއްތަ ދުވަހު 250 މީހުންގެ ފުރާނަ ގެއްލުވާލުމުން ސުލްހަވެރިކަމުގެ ތެރެއަށް ނޭވާލަމުން ދިއަ ގައުމެއްގައި މިހާރު އޮތީ ބިރުވެރިކަމާއި، ނާމާންކަމުގެ މާހައުލެއްކަން އެ ވަޒަނުގައި ދިރިއުޅޭ ހުރިހާ ދިވެހިން ގަބޫލު ކުރަންޖެހޭ ވަގުތު ކިތަންމެ ރަނގަޅަށް ވެސް ޖެހިއްޖެ އެވެ.

ލަންކާގައި މިހާރު އޮތީ ކުއްލި ހާލަތު އިއުލާނުކޮށްފައިކަން އެނގެން ވެއްޖެ އެވެ. ކާފިއު ހިންގުމުގެ މާނަ ނޭނގޭނަމަ ދަސްކުރަން ވަނީ ޖެހިފަ އެވެ. އެ ހަމަލާތައް ދެވުނީ ސަރުކާރާއި ސަލާމަތީ ބާރުތަކުގެ އިހުމާލުންކަން އެނގޭއިރު، އެ އިލްޒާމުތަކުން ނެއްޓި، ކަންކަން ވާނެކަން ދައްކަން އުޅޭނެކަމީ ދިވެހިން ވެސް ގަބޫލު ކުރަންޖެހިފައިވާ ހަގީގަތެވެ.

ލަންކާގައި ހިންގި ޖަރީމާގެ ހާދިސާތަކަށް ހަފުތާއެއްވީ އިރު، ބިރުވެރިކަމަށް ނިމުމެއް އަދި ނެތެވެ. އެ ހަމަލާތަކުގައި ބައިވެރިވި 70 އަށް ވުރެ ގިނަ މީހުން ފިލައިގެން އުޅޭކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ބޮމާއި ބަޑީގެ އިތުރުން ކަނޑިއާ އެކިޒާތުގެ ހަތިޔާރު އަދިވެސް ދަނީ ފެންނަމުންނެވެ. މުސްލިމުން ދިރިއުޅޭ ސަރަހައްދުތަކުންނާ، ގޭގޭގެ އިތުރުން މިސްކިތްތަކުން ވެސް މެ އެވެ.

އަދިވެސް ސަލަމާތީ ބާރުތަކަށް ހަމަލާތައް ދެނީ އެވެ. ހުރިހާ ގައުމުތަކުގައި ވެސް ކަން ހިނގާ އުސޫލުން، ލަންކާގައި ވެސް މުސްލިމުންނާމެދު ހާއްސަކޮށް މި ދަނޑިވަޅުގައި ދެކޭނީ ޝައްކާއި ވަހުމްގެ ނަޒަރުންނެވެ. އެކަމުގައި ދިވެހިން އިސްތިސްނާއެއް ނުވާނެ އެވެ. ބުރުގާ އަޅައިގެން ތިބޭ ދިވެހި އަންހެނުން ސުޕަމާކެޓްތަކަށާއި ބޮޑެތި ފިހާރަތަކަށް ނުވައްދަނީ އެހެންވީމަ އެވެ.

އިޝާރާތެއް ކޮށްލުމުގެ ކުރިން ދިވެއްސަކު ފެންނައިރަށް މަގު މެދަށް ހުއްޓަމުންދިޔަ ކުރޮޅިތަކަކީ އިއްޔެގެ މާޒީ އެވެ. އަމިއްލަ ގެތަކުގައި އޭރުއޮތް ރައްކާތެރިކަން ވެސް ގެއްލިފައިވާކަމީ މިއަދުގެ ހަގީގަތެވެ. ލަންކާގެ ދިގު އަހުލީ ހަނގުރާމައިގެ ތެރެއިން ދިވެއްސެއްގެ ގެއެއް ބަލައި ފާސް ނުކުރި ނަމަވެސް، މިހާރު އެކަމަށް ފަސް ނުޖެހޭނެ ކަން ގަބޫލު ކުރާށެވެ.

ކުއްލި ހާލަތުގެ ދަށުން ހާއްސަ އިހުތިޔާރުތަކެއް ލިބިދީފައިވާކަން ގަބޫލުކޮށް ސަލަމާތީ ބާރުތަކަށް އެއްބާރުލުން ދިނުން ނޫން ގޮތެއް މިހާރަކު ނެތެވެ.

ކާފިއު ގަޑިތަކުގައި މަގުމައްޗަކަށް ނުނިކުމެވޭނެ އެވެ. އެހެން ގަޑިތަކުގައި ނުކުތް ނަމަވެސް، މުއްދަތު ހަމަނުވާ ވިސާއާއެކު ޕާސްޕޯޓް ގެންގުޅެން ވަނީ މަޖުބޫރުވެފަ އެވެ. ކުރިން ކިތަންމެ ހާއްސަވިއަސް، ދިވެހިންނަކަށް ވެސް އެ ދަރަޖައެއް ސިފައިންނާ ފުލުހުން މިވަގުތަކު ނުދޭނެ އެވެ.

ދަބަހެއް ހިފައިގެން އުޅޭ ކޮންމެ މީހަކީ މިވަގުތު ބޮން ގޮއްވާ މީހެކެވެ. ތަންތަނުގެ ފޮޓޯ ނަގަން ފޯނު އަތަށްލައިގެން މިވަގުތު އުޅޭނީ ހުސް "ޓެރަރިސްޓުން" ނެވެ. ގަވާއިދާ ހިލާފު ކިތަންމެ ކުޑަ އަމަލަކަށް ވެސް ބާރުތައް އޮތީ ފާރަވެރިވެގެންނެވެ.

އެ ބިރުވެރި ހަގީގަތާއި މީގެ ދެ ދުވަސް ކުރިން ދިވެހިންތަކަކަށްވަނީ ކުރިމަތިލާންޖެހިފަ އެވެ. އެއްބައެއްގެ އަތުން ފޭކް ލައިސެންސެއްގެ ދަށުން ވިއްކާފައިވާ އެއާ ގަންއެއް ފެނިގެން ތިބީ ހައްޔަރުގަ އެވެ. އެހެން ދެ ދިވެއްސެއްގެ ގެއިން ފެނުނީ އައިއެސް އާ ގުޅޭ ފޮތްތަކެވެ. އެއީ އެގޭގައި އިންޓަނޭޝަނަލް ރިލޭޝަންސް ކިޔަވާ ކުއްޖެއްގެ ފޮތްތަކެއްކަން މައުލޫމާތު ލިބެ އެވެ.

ލަންކާގައި ދިރިއުޅޭ ކޮންމެ ދިވެއްސެއް ހޭލަންޖެހޭ ހަގީގަތަކީ އެއީ އެވެ. ކިތަންމެ ޝަކުވާއެއްކޮށް ފާޑުކިއަސް އެކަމުގައި ދިވެހި އެމްބަސީގެ އިތުރުން ސަރުކާރަށް ވެސް ކޮށްދެވޭނެ ހަމަ އެއްވެސް ކަމެއް ނޯންނާނެ އެވެ.

ކުރިން ކިތަންމެ ފަސޭހަކޮށްލައިގެން ތިއްބަސް، ލަންކާގައި ދެން ވިސާ ހަމަވެފައި ތިބޭނީ ހަމަލާތަކަށް އެހީތެރިވެދިން ބޭރުގެ ނެޓުވޯކުގެ މީހުންނެވެ. ވިސާ އާނުކޮށް ތިބި ދިވެހިންނަށް "ސައެއް" ދީގެން ހަމަޖައްސާލެވޭނެ ދުވަސްތައް މާޒީވެއްޖެ އެވެ.

ގެ ބަލައިފާސްކުރަން ވަންނައިރު، ގަވާއިދާ ހިލާފު ކިތަންމެ ކުޑަކަމެއްގައި ވެސް މިވަގުތު ހިފައިގެން ދަމާނެ އެވެ. ކާފިއު ގަޑިތަކުގައި، ބޮޑެތިހެން ހީވާ ދަބަސްތަކާއި ކޮތަޅުތައް ހިފައިގެން މަގުމަތީގައި އުޅޭ ކޮންމެ މީހަކަށް ޝައްކު ކުރާނެކަން އގަބޫލު ކުރާށެވެ.

ދިވެހި އެމްބަސީން ބުނާ ފަދައިން މަގުމަތީގައި އުޅޭއިރު ފޯނު އަތަށްލައިގެން ފޮޓޯ ނަގަމުން ނުދާށެވެ. ސޯޝަލް މީޑިއާގެ އިތުރުން، ފޯނުން ގުޅައިގެން ވިޔަސް ކޮންމެ ކޮންމެ ވާހަކައެއް ދެއްކުން ބުއްދިވެރި ނޫނެވެ.

ލަންކާގައި މިހާރު އޮތީ ހަނގުރާމައިގެ ހާލަތެވެ. ކޮންމެ މީހަކީ ޓެރަރިސްޓެކެވެ. ކުށްވެރިއެކެވެ. އެއީ ފުލުހުންނާ ސިފައިންގެ ނަޒަރިއްޔާއިން މީހުން ފެންނާނެ ގޮތެވެ. ޒަމާނެއްގައި ލަންކާ ރައްޔިތުންގެ ފަރާތުން ދިވެހިންނަށް ލިބެމުން އައި އިހުތިރާމާއި ގަދަރު އެތަކެއް ސަތޭކަ ފުރާނައާއެކު ވަނީ ގެއްލިފަ އެވެ. ލަންކާއަށް އެންމެ "ގަދަ" ދިވެހިން ވެސް ގަބޫލު ކުރަންވީ ހަގީގަތަކީ މިއީ އެވެ. މިވަގުތަށް ނަމަވެސް، ރައްޓެހި ކުރޮޅި ޑްރައިވަރު ވެސް ބަދު ބަސް ބުނާނެ އެވެ. ސުޕަމާކެޓުތަކުން ފައްސާލާނެ އެވެ. ބުރުގާ ބާލަން އަންގަފާނެ އެވެ. އަތުގައި އޮންނަ ކޮތަޅާއި ދަބަސް ބަލަން ބޭނުންވާނެ އެވެ.

މިއީ ދެވަނަ ވަޒަނުގެ ގޮތުގައި އަޅުގަނޑުމެން އެންމެން ދެކެމުން އައި ގައުމުގައި މިވަގުތު އޮތް ހާލަތެވެ. ކިތަންމެ ދެރަ ނަމަވެސް، އަދުގެ ހަގީގަތެވެ. ލަންކާގައި ދިރިއުޅޭ ހުރިހާ ދިވެހިން މި ހަގީގަތްތައް ގަބޫލުކުރާށެވެ.