ދުނިޔެ

އިތުރު ބޮންތަކެއްގެ މައުލޫމަތާއެކު ލަންކާ ފުލުހުން ތައްޔާރީ ހާލަތަށް

Apr 23, 2019

މިދިޔަ އާދީއްތަ ދުވަހު ފުލުފުލުގައި ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާތަކަށްފަހު ކުއްލި ހާލަތު އިއުލާނުކޮށްފައިވާއިރު، އިތުރު ބޮންތަކެއް ހިފައިގެން ދެ އުޅަނދެއް ވެރިރަށް ކޮލޮމްބޯއަށް ވަދެފައިވާކަމުގެ މައުލޫމާތު ލިބިގެން، ފުލުހުން ތައްޔާރީހާލަތަށް ގެނެސްފައިވާކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އެކަމުގެ މާބޮޑު ތަފްސީލެއް އަދި ސާފުވެފައިނުވި ނަމަވެސް، މައުލޫމާތު ލިބޭގޮތުގައި، އިތުރު ބޮންތަކެއް ހިފައިގެން ލޮރީ އަކާއި ވޭންއެއް ކޮލޮމްބޯއަށް އެތެރެވެފައިވާކަމުގެ މައުލޫމާތު ލިބިގެން ހުރިހާ ފުލުހުން ވަނީ އެލާޓަށް ގެނެސްފަ އެވެ.

ކްރިސްޓިއަނުން ފާހަގަކުރި އީސްޓާ ސަންޑޭ އާ ދިމާކޮށް ތިން ފައްޅިއެއްގެ އިތުރުން، ހަތަރު ހޮޓަލަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް 321 މީހުން މަރުވެފައިވާއިރު އިތުރު 375 މީހަކަށް ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުންއަންނަކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އެ ހަމަލާތަކަކީ، މިދިޔަ މަހު ނިއުޒީލެންޑުގެ ކްރައިސްޓްޗަޗުގައި ހުރި ދެ މިސްކިތަކަށް ދިން ބަޑީގެ ހަމަލާތަކުގެ ބަދަލު ހިފުމެއް ކަމަށް ލަންކާ ސަރުކާރުން ބުނެފި އެވެ.

އެ ހަމަލާތައް ދިން އިސްލާމީ ހަރުކަށި ފިކުރުގެ "ނެޝަނަލް ތައުހީދު ޖަމާއަތު" ނަމަކަށް ކިޔާ ގުރޫޕަކަށް "ބޭރުގެ ނެޓުވާކަކުން" އެހީތެރިވެދީފައިވާ ކަމަށް ލަންކާ ސަރުކާރުން ވަނީ ބުނެފަ އެވެ.

އެހަމަލާތަކާއި ގުޅިގެން މިހާތަނަށް ހިންގި ތަހުގީގުން، "ނެޝަނަލް ތައުހީދު ޖަމާއަތު" އިން އެ ހަމަލާތައް ދީފައިވަނީ ނިއުޒީލެންޑުގެ މިސްކިތް ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ކަން ހާމަވެފައިވާކަމަށް ލަންކާގެ ސްޓޭޓް ޑިފެންސް މިނިސްޓަރު ރުވާން ވިޖޭވަރުދަނަ ވަނީ ވިދާޅުވެފަ އެވެ.

އޭގެ އިތުރުން، ދީނީ ހަރުކަށި ފިކުރުގެ "ޖޭއެމްއައި" ނަމަކަށް ކިޔާ ޖަމާއަތަކާއި ގުޅުމެއްވާކަމަށް ވިޖޭވަރުދަނަ ވަނީ އިތުރަށް ވިދާޅުވެފަ އެވެ.

މާބޮޑު ތަފްސީލެއް ނުދެއްވި ނަަމަވެސް، "ޖަމާއަތުލް މުޖާހިދީން އިންޑިއާ" ނުވަތަ ޖޭއެމްއައި އަކީ ބަންގްލަދޭޝްގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތަކާއި ގުޅުން އޮންނަ ބައެކެވެ.

އާދީއްތަ ދުވަހުގެ ހަމަލާތަކާއެކު، ދުނިޔޭގެ ޓެރަރިސްޓް ނެޓްވާކުތަކުން ދީނުގެ ނަމުގައި ކުރަމުންދާ ހަނގުރާމައިގެ ތެރެއަށް ލަންކާ ވެސް ވެއްޓިފައިވާކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ ވިދާޅުވެފަ އެވެ.

"މިއީ ކުރިން މިގައުމުގައި ކުރިމަތިވި ހާލަތެއް ނޫން،" ރަނިލް ވިދާޅުވި އެވެ.

އެ ހަމަލާތަކާއި ގުޅިގެން، ރޭ ދަންވަރު 12.00 އިން ފެށިގެން ސަރުކާރުން ވަނީ ކުއްލި ހާލަތު އިއުލާނުކޮށްފަ އެވެ.

އެގޮތުން ޓެރަރިޒަމް ހުއްޓުވަން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމުގެ ބާރު ސަލާމަތީ ބާރުތަކަށް ރައީސް ސިރިސޭނަ ވަނީ ދެއްވައިފަ އެވެ.