ހަބަރު

ރައީސް ޔާމީންގެ ޝަރީއަތް މާދަމާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލައިގެ ޝަރީއަތް މާދަމާ ކުރިޔަށް ގެންދަން ކުރިމިނަލް ކޯޓްގައި ތައާވަލް ކޮށްފި އެވެ.

މި މައްސަލާގައި މީގެ ކުރިން ވެސް ވަނީ އަޑުއެހުމެއް ބާއްވާފަ އެވެ. އެއީ ބަންދާމެދު ގޮތެއް ނިންމަން ބޭއްވި އަޑުއެހުމެކެވެ. އަލުން މައްސަލަ ކުރިމިނަލް ކޯޓްގައި ތައާވަލް ކޮށްފައިވަނީ މާދަމާ މެންދުރުފަހު 1:00 ޖަހާއިރަށެވެ. އެމައްސަލާގައި މާދަމާ އޮތީ އިޖުރާއަތްތައް ފުރިހަމަ ކުރުމެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުމުގައި މަނީލޯންޑްރިންގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ހައްޔަރުކޮށްފައި ބަހައްޓަން ނިންމި އެވެ. ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބަހައްޓަން ކްރިމިނަލް ކޯޓުން އޭރު އަމުރު ކުރީ، ޝަރީއަތަށް ހުށަހެޅި މައްސަލައިގެ ހެކިންނަށް ރައީސް ޔާމީން ނުފޫޒު ފޯރުވައިފާނެ ކަމަށް ގަބޫލު ކުރެވޭތީ ޕްރޮސިކިއުޓާ ޖެނަރަލް، ޕީޖީއިން އެގޮތަށް އެދިގެންނެވެ.

ނަމަވެސް ހައި ކޯޓުން ވަނީ މިދިޔަ މާޗް މަހުގެ 28 ވަަނަ ދުވަހު ބަންދުން ދޫކޮށްލުމަށް ހުކުމް ކޮށްފަ އެވެ، އެގޮތުން ހުކުމުގައި ވަނީ މައްސަލާގައި ޕީޖީގެ ފަރާތުން މުއްދަތު އިތުރު ކުރަން އެދިފައިނުވާ ކަމަށާއި ބަންދުގައި ބެހެއްޓޭނެ 30 ދުވަހުގެ މުއްދަތު ހަމަވެފައިވާ ކަމަށެވެ. އެހެންވެ ރައީސް ޔާމީން އިތުރަށް ބަންދުގައި ބެހެއްޓެން ނެތުމުން ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ނެރުއްވާފައިވާ އަމުރު ބާތިލްކުރީ ކަމަށެވެ.

ފުލުހުން މީގެކުރިން ބުނި ގޮތުން އެމްއެމްޕީއާރްސީގެ ތެރެއިން ހިޔާނަތްވި ފައިސާއަށް ހިޔާނާތްތެރިވި ފަރާތްތަކުން އެ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރުމުން އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށެވެ. އެ ފައިސާއާ ގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހިންގި ތަހުގީގާ ގުޅިގެން ހިންގި މުއާމަލާތްތަކުގައި ދައުލަތުގެ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށެވެ.

އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ކަމުގެ މައުލޫމާތާއެކު އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށާއި އެ ފައިސާ ދައުލަތާއި އަނބުރާ ހަވާލުކުރުމަށް ރައީސް ޔާމީނަށް ދެންނެވުމުން އެ ފައިސާ ދައުލަތާއި ހަވާލުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެމަނިކުފާނުގެ ނަމުގައި އެ ބޭންކުގައި ހުޅުވާފައިވާ އެކައުންޓްތަކުގައި އެ ފައިސާ ދައުރުކޮށް މުއާމަލާތު ކޮށްގެން މާލީ މަންފާ ލިބޭ ގޮތަށް ބޭނުންކޮށްފައިވާ ކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.