ހަބަރު

ފެހެންދޫ ދަރިވަރުންގެ މައްސަލަ ރައީސާ ހަމައަށް

ބ. ފެހެންދޫގެ ކިޔަވާކުދިން ސްކޫލަށް ދިއުމަށްޓަކައި ޑިންގީގައި ކުރަންޖެހޭ ދަތުރުގައި ދިމާވާ ދަތިތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ގެނެސްފި އެވެ.

އާބާދީ ކުޑަވުމުގެ ސަބަބުން ސުކޫލްގެ ހިދުމަތް ހުއްޓާލާފައިވާ ފެހެންދޫގައި ތިބޭ ކިޔަވާ ކުދިން ސުކޫލަށް ދާންޖެހެނީ ޖެހިގެން އޮންނަ ގޮއިދޫ އަށެވެ. އެކުދިން ކޮންމެ ދުވަހަކުވެސް ސުކޫލަށް ދިއުމަށްޓަކައި ކުޑަ ޑިންގީއެއްގައި ދަތުރުކުރަންޖެހެ އެވެ،

އެކަމުގައި ދިމާވާ ދަތިތައް ރައީސް ސޯލިހުއާއި ހިއްސާ ކުރީ މިއަދު ރައީސް އޮފީހުގައި ރައީސާއެކު ބޭއްވި ބައްދަލުވުމެއްގައި ފެހެންދޫގެ ކައުންސިލުންނެވެ. އެ ބައްދަލުވުމުގައި ވަނީ އެ ރަށުގެ މިހާރުގެ ހާލަތާއި، އެރަށުގެ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފަ އެވެ.

އެގޮތުން ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފެހެންދޫ ސްކޫލު ދަރިވަރުން ކޮންމެ ދުވަހަކު ސްކޫލަށް ދިއުމަށް އެކަށީގެންވާ ދަތުރުފަތުރުގެ ނިޒާމެއް ހަމަޖެހިފައި ނެތުންކަން ފާހަގަ ކޮށް، އޭގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ. އަދި ރަށުގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީކޮށްދެއްވުމަށާއި، ރަށުގައި އެކަށީގެންވާ ފެންވަރުގެ މިސްކިތެއް އިމާރާތްކޮށްދެއްވުމަށް ކައުންސިލުން ވަނީ އެދިފަ އެވެ.

އެ ބައްދަލުވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ބޭނުންވެފައިހުރި ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށާއި، އެގޮތުން ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމަށް ހާއްސަ އިސްކަމެއް ދީގެން ކުރިޔަށް ގެންދަވާނެކަމަށް ވަނީ ވިދާޅުވެފަ އެވެ.