ދުނިޔެ

ހަމަލާއެއްގެ ބިރަށް ލަންކާގައި ހުކުރު ނުކުރަން އެދެފި

Apr 25, 2019

ކޮލޮމްބޯ (އޭޕްރީލް 25) - މިދިޔަ އާދީއްތަ ދުވަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކަށް ފަހު، އެ ގައުމުގެ މިސްކިތްތަކަށް އަމާޒުކޮށް ހަމަލާތަކެއްދީފާނެ ކަމުގެ ބިރަށް، މާދަމާ ހުކުރު ނުކުރުމަށް އިލްތިމާސްކޮށްފި އެވެ.

މުސްލިމު އެފެއާޒް މިނިސްޓްރީން ބުނީ ލަންކާގެ މިސްކިތްތަކަށް ހަމަލާއެއްދީފާނެ ކަމުގެ މައުލޫމާތު ލިބިފައިވާތީ، މާދަމާ އެއްވެސް މިސްކިތެއްގައި ހުކުރު ނަމާދު ނުކުރުމަށް އެދޭ ކަމަށެވެ.

އެފަދަ އިންޒާރެއް ދީފައިވަނީ، ލަންކާގެ އެކި ހިސާބުތަކުން ގޮވާ ތަކެއްޗާއި ހަތިޔާރުތައް އަދިވެސް ފެންނަމުންދާ ދަނޑިވަޅެއްގަ އެވެ. ސަލަމާތާއި ރައްކާތެރިކަން އަދިވެސް ކަށަވަރު ނުކުރެވޭ ކަމަށް ބުނެ، ކްރިސްޓިއަނުންގެ ފައްޅިތަކުގައި ވެސް މީހުން އެއްވެގެން އަޅުކަން ނުކުރަން ވެސް ވަނީ ނިންމައިފަ އެވެ.

އެ ހަމަލަތަކާއި ގުޅިގެން މިހާތަނަށް 60 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރެވިފައިވާއިރު، ތުހުމަތުކުރެވޭ އިތުރު ބަޔަކު ހޯދަންވެސް ލަންކާ ފުލުހުން ވަނީ އިއުލާނުކޮށްފަ އެވެ.

ހަމަލާތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 359 އަށް އަރާފައިވާއިރު، އެ ހަމަލާތައް ހުއްޓުވަން ސަލާމަތީ ބާރުތައް ނުކުޅެދުނުކަމުގެ ތުހުމަތުތަކާއެކު، އެގައުމުގެ ސަލާމަތީ ބާރުތަކުގެ އިސް ދެ ވެރިއަކު އިސްތިއުފާދެއްވުމަށް ރައީސް މައިތިރިޕާލަ ސިރިސޭނަ އެދިވަޑައިގެންފި އެވެ.

ސިރިސޭނަގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޑިފެންސް ސެކްރެޓަރީ ހޭމަސިރީ ފެނަންޑޯގެ އިތުރުން އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް ޕުޖިތު ޖަޔަސުންދަރަ އިސްތިއުފާ ދެއްވުމަށް ރައީސް އެދިވަޑައިގެންފައިވާކަމަށެވެ.

އެ ދެ ބޭފުޅުންގެ އިސްތިއުފާއަށް ސިރިސޭނަ އެދިވަޑަގެންފައިވަނީ ހަމަލާތައް ރާވަމުންދާކަމުގެ މައުލޫމާތު އެނގިތިބެ އެކަން އެމަނިކުފާނާ ހިއްސާކޮށްފައިނުވާ ކަމަށާއި، އެ ހަމަލާތައް ހުއްޓުވަން ފިޔަވަޅު ނޭޅުނު މައްސަލަ ވަރަށް ސީރިއަސްކޮށް ބައްލަވާނެކަމަށް ވިދާޅުވެފައިވަނިކޮށެވެ.

އަދި އެ ހަމަލާތައް ދިނުމުގެ ފަހަތުގައިވާ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތަށް ބޭރުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ އިއްޔެ ވެސް ތަކުރާރުކުރައްވައިފަ އެވެ. އެގޮތުން، ސީރިއާ އަދި އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތެއްވާކަމަށް ރަނިލް ވަނީ ތުހުމަތުކުރައްވައިފަ އެވެ.

އިއްޔެ އައިއިސް އިން އެ ހަމަލާތަކުގެ ޒިންމާ ނަގައިފަ އެވެ. ނަމަވެސް، އެކަމުގެ އެއްވެސް ހެއްކެއް ނުވަތަ އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއްނުވެ އެވެ.

ދައުލަތުގެ ޓީވީ މެދުވެރިކޮށް، ސިރިސޭނަ ވިދާޅުވީ ފުލުހުންނާ ސިފައިންގެ އިސްވެރިން "އެއްކޮށް" ބަދަލުކުރައްވާނެ ކަމަށެވެ.

"ބޭރު ގައުމަކުން އެ ހަމަލާތަކުގެ މައުލޫތު ދިނުމުން ވެސް އެ މައުލޫމާތު އަޅުގަނޑާވެސް ހިއްސާކޮށްފައެއް ނުވޭ. އެހެންވީމަ އެ އޮފިޝަލުންނަށް ހަރުކަށި ފިޔަވަޅު އަޅަން އަޅުގަނޑު ވަނީ ނިންމާފައި،" ސިރިސޭނަ ވިދާޅުވި އެވެ.

އެ ހަމަލާތަކަކީ، މިދިޔަ މަހު ނިއުޒީލެންޑުގެ ކްރައިސްޓްޗަޗުގައި ހުރި ދެ މިސްކިތަކަށް ދިން ބަޑީގެ ހަމަލާތަކުގެ ބަދަލު ހިފުމެއް ކަމަށް ލަންކާ ސަރުކާރުން ވަނީ ބުނެފަ އެވެ.

އެ ހަމަލާތައް ދިން އިސްލާމީ ހަރުކަށި ފިކުރުގެ "ނެޝަނަލް ތައުހީދު ޖަމާއަތު" ނަމަކަށް ކިޔާ ގުރޫޕަކަށް "ބޭރުގެ ނެޓުވާކަކުން" އެހީތެރިވެދީފައިވާ ކަމަށް ލަންކާ ސަރުކާރުން ވަނީ ބުނެފަ އެވެ.

އެހަމަލާތަކާއި ގުޅިގެން މިހާތަނަށް ހިންގި ތަހުގީގުން، "ނެޝަނަލް ތައުހީދު ޖަމާއަތު" އިން އެ ހަމަލާތައް ދީފައިވަނީ ނިއުޒީލެންޑުގެ މިސްކިތް ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ކަން ހާމަވެފައިވާކަމަށް ލަންކާގެ ސްޓޭޓް ޑިފެންސް މިނިސްޓަރު ރުވާން ވިޖޭވަރުދަނަ ވަނީ ވިދާޅުވެފަ އެވެ.

އޭގެ އިތުރުން، ދީނީ ހަރުކަށި ފިކުރުގެ "ޖޭއެމްއައި" ނަމަކަށް ކިޔާ ޖަމާއަތަކާއި ގުޅުމެއްވާކަމަށް ވިޖޭވަރުދަނަ ވަނީ އިތުރަށް ވިދާޅުވެފަ އެވެ.