ހަބަރު

މަސްތުވާތަކެތީގެ ވިޔަފާރިއެއް ހުއްޓުވާ، 18 މީހަކު ހައްޔަރުކޮށްފި

Apr 26, 2019
8

މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދާ ކަމުގެ ތުހުމަތުގައި 18 މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މާފަންނުގެ ގެއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެ ތަކެތި ބޭނުން ކުރަމުންދާ ކަމަށް އިންޓެލިޖަންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހަވީރު 4:10 ގައި ފުލުހުން އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސް 18 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ މީހުން ހައްޔަރު ކުރީ މާފަންނު ކޮން ގެއަކުން ކަމެއް ފުލުހުން އަދި ބުނެފައެއް ނުވެއެވެ.

ނަމަވެސް ހައްޔަރު ކުރި އެ މީހުންނަކީ 23 އަހަރާއި 56 އަހަރާ ދެމެދުގެ ދިވެހިން ކަމަށާއި އޭގެ ތެރޭގައި އަންހެނަކު ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. އަދި ބުނީ ހައްޔަރު ކުރި އެ 18 މީހުންނަކީ ވެސް ކުށުގެ ރެކޯޑު އޮތް މީހުން ކަމަށެވެ.

މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލާ ފާސް ކުރިއިރު މަސްތުވާތަކެތި ހުރި އަށް ޕެކެޓާއި 24،950 ރުފިޔާ ފެނިފައިވެ އެވެ.

މި 18 މީހުން ހައްޔަރުކުރި އިރު އެހެން ދެ އޮޕަރޭޝަނެއްގައިި، މަސްތުވާތަކެއްޗާއެކު ރޭ ވެސް 19 ދިވެއްސަކު ހައްޔަރުކޮށްފައި ވެއެވެ.