މާލޭ ސަރަހައްދުން ބަނގުރަލާއެކު ތިން މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.
އެމީހުން ހައްޔަރުކުރީ މާލެ އާއި ހުޅުމާލޭގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގަ އެވެ.
އެ އޮޕަރޭޝަންގައި ހައްޔަރު ކޮށްފައި ވަނީ 27 އަހަރުގެ ދިވެހި ފިރިހެނަކާއި 28 އަހަރުގެ ބަނގުލަދޭޝް ފިރިހެނަކާއި 51 އަހަރުގެ ބަނގުލަދޭޝް ފިރިހެނެކެވެ.
ތިން މީހުން ވެސް ހައްޔަރުކުރީ މާލެއާއި ހުޅުމާލާގައި ގާނޫނާއި ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން މިމަހުގެ އެއްވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގަ އެވެ.
އެގޮތުން 27 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މާލެއިން ޓެކްސީއެއް ހުއްޓުވައި އެޓެކްސީ ބަލައިފާސްކުރިއިރު ބަނގުރާފުޅިއެއް ފެނުމާ ގުޅިގެންނެެވެ. އަދި 28 އަހަރުގެ މީހާ އާއި 51 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިން ސައިކަލެއް ހުއްޓުވައި ބަލައިފާސްކުރިއިރު 22 ފުޅި ބަނގުރާ ފެނުމާ ގުޅިގެންނެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 27 އަހަރުގެ މީހާއަށް ފަސް ދުވަސް މުއްދަތެއް ދީފަައެވެ. އަދި 28 އަހަރުގެ މީހާއާއި 51 އަހަރުގެ މީހާއަށް ތިން ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.