މޯލްޑިވްސް ޕޮލިސް ސާވިސް

ޓެކްސީ ޑްރައިވަރަކަށް ބިރުދައްކާ ފޭރިއްޖެ

ޓެކްސީ ޑްރައިވަރަކަށް ބިރުދައްކައި ފޭރުނު މައްސަލަ އެއް ފުލުހުން ބަލަން ފަށައިފި އެވެ.

މި ހާދިސާގައި ޓެކްސީ ޑްރައިވަރަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެނގިފައިވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު އަވަސް އަށް ވިދާޅުވީ މާލޭގެ މަޖީދީ މަގުން ހުޅުމާލެއަށް ދިއުމަށް ޓެކްސީ އަކަށް އެރި ދެ މީހަކު ޓެކްސީ ޑްރައިވަރަށް ބިރު ދައްކައި ފޭރުނު މައްސަލައެއް މި މަހުގެ 23 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

ޓެކްސީ ޑްރައިވަރަށް ބިރު ދައްކާފައިވަނީ ވަޅިއެއް ބޭނުންކޮށްގެނެވެ. އަދި އޭނާ އަތުން ވަނީ 700 ރުފިޔާ ފޭރިގެންފަ އެވެ.

ފުލުހުން ބުނީ ފޭރުމަށް ފަހު އެ މީހުން ކާރުން ފައިބައިގެން ދިޔައީ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވާ ކަމަށާއި މައްސަލަ ބަލަމުންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށް ފުލުހުން ބުނެ އެވެ.

ޓެކްސީ ޑްރައިވަރުންނަށް ބިރު ދައްކައި ފޭރޭ މައްސަލަ މަދުން ނަމަވެސް ފެންމަތި ވެއެވެ. ބައެއް ފަހަރު ޑްރައިވަރަށް ހަމަލާދީ އަނިޔާ ވެސް ކުރެ އެވެ. މިފަދަ ހާދިސާ އެއް ހުޅުމާލޭގައި 2019 ވަނަ އަހަރު ވަނީ ހިނގާފަ އެވެ. އަދި އެ ހާދިސާގައި ފޭރުމަށްފަހު ޑްރައިވަރު ވަނީ މަރާލާފަ އެވެ.