މާލެ ސިޓީ އާއި ގއ. ކޮލަމާފުށީގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓް ޑިިޕާޓްމަންޓާއި ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން އިއްޔެ މާލެ އިން މީހަކު ހައްޔަރު ކޮށްފައިވާއިރު ހުޅުމާލެ އިން ވެސް މަސްތުވާތަކެއްޗާއެކު އަންހެނަކާއި ފިރިހެނަކު އިއްޔެ ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މާލޭގެ މަގުމަތިން ދިޔަ މީހަކު ހުއްޓުވައި ބަލައި ފާސްކުރި ި އިރު އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ބޮޑު ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި ހުޅުމާލޭ ފްލެޓެއްގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 36 އަހަރުގެ ފިރިހެނަކާއި، 28 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި މި ދެމީހުންނަކީވެސް ދިވެހިން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށް، އެމީހުން ދިރިއުޅޭ ފްލެޓް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި 30 ދަޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، ކޮލަމާފުށީގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި 37 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 39 ރަބަރު ޕެކެޓާއި ރަބަރުކޮޅެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މަސްތުވާތަކެތީގެ މައްސަލަ އާއި ގުޅިގެން ހުޅުމާލެއިން ހައްޔަރު ކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ތިން ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ކޮލަމާފުށިން ހައްޔަރު ކުރި މީހާ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.