މޯލްޑިވްސް ޕޮލިސް ސާވިސް

"މާލޭގެ 11 ސަރަހައްދެއްގައި ޑުރަގް ކެފޭ ހިންގާ"

މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާ 11 ސަރަހައްދެއް ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑއާ އޮފިޝަލަކު އަވަސް އަށް މިއަދު ވިދާޅުވީ މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ 20 ތަނެއް މިހާތަނަށް ބަންދު ކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންނަށް ފާހަގަ ކުރެވިފައިވާ ޑުރަގް ކެފޭތަކުގެ ތެރެއިން ދެ ތަނެއް އަދި ބަންދު ނުކުރެވޭ ކަމަށެވެ. އެ ދެ ތަން ބަންދު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވީ މީގެ އިތުރުން މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާ 11 ސަރަހައްދެން ފުލުހުން ވަނީ ދެނެގަނެފައި ކަމަށާއި އެތަންތަން ވެސް ބަންދުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފުލުހުން ވަނީ މާލޭގައި ކެފޭ ހިންގާ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ 25 ގެއެއްގެ ވެރިފަރާތަށް ގާނޫނީ އިންޒާރު ވެސް ވަރަށް ފަހުން ދީފަ އެވެ. އަދި އެތަންތަން ބަންދުކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ވެސް ވަނީ ފަށާފަ އެވެ.

ކެފޭ ހިންގާ އުސޫލުން ޑްރަގް ވިޔަފާރި ކުރާ ތަންތަނަށް މީހުން ވަނަނުދީ ހިފެހެއްޓުމުގެ މަސައްކަތް ވެސް ފުލުހުން ވަނީ ފަށާފަ އެވެ. އަދި ބަންދު ކުރި ތަންތަނުގެ ބޭރުގައި 24 ގަޑިއިރު ފުލުހުން ޑިއުޓީގައި ބައިތިއްބަން ވަނީ ނިންމާފަ އެވެ.