މަސްތުވާތަކެތި

ވަޅުލާފައި ހުރި 42 ކިލޯގެ ޑްރަގް ހޯދައިފި

ފުލުހުން ހިންގި ސާޗް އޮޕަރޭޝަނެއްގައި 42 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ. މި ތަކެތި އަތުލައިގެންފައިވަނީ މާލޭގެ ގެއެއްގެ ތެރޭގައި ވަޅުލާފައި ހުއްޓައެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ކޮމިޝަނަރު، މުހައްމަދު ހަމީދު ވިދާޅުވީ ޑްރަގް އެންފޯސްމަންޓާއި ކަައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން އިއްޔެއިން ފެށިގެން މާލެ ސިޓީގައި ސާޗު އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށެވެ. އެ އޮޕަރޭޝަންގެ ދަށުން ގެއެއްގައި ވަޅުލާފައި ހުއްޓާ 42 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

ސީޕީ ވަނީ އަތުލައިގަަނެވުނު މަސްތުވާތަކެއްޗާއި އެ ތަކެތި ވަޅުލާފައި ހުރި ތަން ފެންނަ ފޮޓޯތަކެއްވެސް އާންމު ކޮށްފައެވެ. މަސްތުވާތަކެތި ވަޅުލާފައި ހުރީ ބޮޑު ވަޅުގަނޑެއްގެ ތެރޭގައެވެ. ވަޅު ހުރީ ބިމުގެ އެތެރެއަށް ވާހެން ރާނާފައެވެ.

އައިޖީއެމްއެޗް ކައިރީ ހުރި އެ ގޭގައި މިވަގުތު މީހުން ނޫޅެއެވެ.

މި މައްސަލައާ ގުޅިގެން ބަޔަކު ހައްޔަރުކުރި ކަމަކަށް ސީޕީ ވިދާޅެއް ނުވެއެވެ. އަދި އެ ތަކެއްޗާ ގުޅުން އޮތް ބަޔަކާ ގުޅޭ މައުލޫމާތެއްވެސް ނުދެއްވައެވެ. ވިދާޅުވީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ.