މުހައްމަދު ހަމީދު

އަހަރަކު 500 އެއްހާ މީހުން އަލަށް މަސްތުވާތަކެތި ބޭނުންކުރަން ފަށާ

އަހަރަކު 500 އެއްހާ މީހުން މަސްތުވާތަކެތީގެ ތެރެއަށް އަލަށް ވަންނަ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 90 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ސީޕީ ހަމީދު ވިދާޅުވީ ކޮންމެ އަހަރަކުވެސް 400 އާއި 500އާ ދެމެދުގެ އަދަދަކަށް މީހުން އަލަށް މަސްތުވާތަކެތީގެ ތެރެއަށް ވަންނަ ކަމަށެވެ. މިއީ މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ މަސައްކަތްތަކަށް އޮތް ގޮންޖެހުމެއް ކަމަށް ވިދާޅުވި އެވެ.

ސީޕީ ހަމީދު ވިދާޅުވީ އަލަށް ތައާރަފުވާ އެކި ބާވަތްތަކުގެ މަސްތުވާތަކެއްޗާއެކު އެކަމުގެ ތެރެއަށް ޒުވާނުން ވަންނަ މިންވަރު އިތުރެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް އެކުލަވާލާފައިވާ ފުލުހުންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން މަސްތުވާތަކެތި އަތުލައިގަނެވޭ މިންވަރު އިތުރުކޮށްފައިވާ ކަމަށް ސީޕީ ހަމީދު ވިދާޅުވި އެވެ.

ކުށުގެ މާހައުލަށް ވަންނަ މީހުން އިތުރުވުމަކީ ކަންބޮޑުވުމެއްކަން ފާހަގަކުރައްވާ ސީޕީ ހަމީދު ވިދާޅުވީ ފުލުހުންނަށް ރައްޔިތުންކުރާ އިތުބާރު އިތުރުކުރަން މުހިންމު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.