މުހައްމަދު ހަމީދު

ހަމަލާ ދިން އެންމެން ހޯދައި ފިޔަވަޅު އަޅާނަން: ސީޕީ

Sep 9, 2022
2

ފުލުހުންނަށް ހަމަލާ ދިނަސް މަސްތުވާތަކެއްޗާއި ގޭންގް މާރާމާރީ ހުއްޓުވަން ފުލުހުން ކުރާ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ސީޕީ ހަމީދު މިހެން ވިދާޅުވީ މިއަދު ހެނދުނު 11:50 ހާއިރު މަޖީދީ މަގުގައި ހުންނަ ޔޫރޯ ސްޓޯރް ކުރިމަތިން ތިން ފުލުހަކަށް ހަމަލާދީ ޒަހަމްކޮށްލުމާ ގުޅިގެން އެ މީހުންގެ ހާލު ބައްލަވާލެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގަ އެވެ.

ސީޕީ ހަމީދު ވިދާޅުވީ މާލޭގެ މަޝްހޫރު ގޭންގަކަށް ނިސްބަތްވާ ބަޔަކު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ތިން ފުލުހަކަށް ހަމަލާދިނީ ރަސްމީ ޑިއުޓީން ބޭރުގައި އުޅެނިކޮށް ކަމަށެވެ.

ފުލުހުންނަށް ހަމަލާދިނުމުގައި ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށްވެސް ސީޕީ ވިދާޅުވެފައިވެ އެވެ. ނަމަވެސް އެއީ ކޮން ކަހަލަ ހަތިޔާރެއް ކަމެއް ހާމަކުރައްވާފައެއް ނުވެ އެވެ.

ސީޕީ ވިދާޅުވީ ފުލުހުންނަށް ހަމަލާ ދިނުމާ ގުޅިގެން މިހާރު ހައްޔަރުކޮށްފައިވާ ދެ މީހުންގެ އިތުރުން މިހަމަލާ ދިނުމުގައި ބައިވެރިވި އެހެން ބަޔަކު ތިބި ނަމަ އެ ބަޔަކުވެސް ހައްޔަރުކުރާނެ ކަމަށެވެ.

ފުލުހުންނަށް ހަމަލާ ދިން މައްސަލަ ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލާ މިމައްސަލައިގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށްވެސް ސީޕީ ވަނީ ފުލުހުންނަށް އަންގަވާފަ އެވެ.

ރާވައިގެން ހިންގާ ގޭންގް ކުށްތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދާ މަސައްކަތްތައް މިފަދަ ހަމަލާއަކުން ހުއްޓާނުލައްވާނެ ކަމުގެ ޔަގީންކަންވެސް ސީޕީ ދެއްވާފައިވެ އެވެ.

ސީޕީ އިތުރަށް ވިދާޅުވީ އާންމު ރައްޔިތުންގެ ސަލަމާތައި ރައްކާތެރިކަން ކަށަވަރުކުރުމަށާއި މުޖުތަމައަށް ހިދުމަތް ކުރުމަށްޓަކައި ފުލުހުންގެ ރައްކާތެރިކަމަށް ވެސް އިތުރު އެހީއާއި އެއްބާރުލުން ބޭނުންވާ ކަމަށެވެ. މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް މުޅި ނިޒާމު އެކުގައި މަސައްކަތް ކުރަން ޖެހިފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

އަނިޔާ ލިބުނު ފުލުހުންނަށް އޭޑީކޭގައި ފަރުވާ ދެމުންދާއިރު އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ވަނީ އެނގޭ ގޮތް ނުވެފަ އެވެ.