ފާއިތުވެދިޔަ 48 ގަޑިއިރު ތެރޭގައި 119 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ސީޕީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހު ފުލުހުން ވަނީ 28 ޕެކެޓްގެ މަސްތުވާތަކެތި އަތުލައިގެންފައި ކަމަށެވެެ. އަދި އޭގެ ފަހުން ހިންގި އޮޕަރެޝަނެއްގައި އިތުރު 91 ޕެކެޓް މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.
ފުލުހުންގެ އޮޕަރޭޝަންގައި 48 ގަޑިއިރުގެ ތެރޭގައި އަތުލައިގެންފައިވާ މަސްތުވާތަކެތި ބަންދުކޮށްފައި ހުރި ޕެކެޓްތަކުގައި 119 ކިލޯ ހުރި ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.
ސީޕީ ވިދާޅުވާ މަސްތުވާތަކެތީގެ ފުރަތަމަ ބައިނފުލުހުން އަތުލައިގަތީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ މަގުމަތިން ދުއްވާފައި ދިޔަ ޓެކްސީއެއް ހުއްޓުވުމަށްފަހު އެވެ.
ޓެކްސީ ހުއްޓުވީ މާލޭގެ ބުރުޒުމަގު ޔެލޯ ބްރީޒް ފިހާރަ ކައިރިންނެވެ. އެރޭ އަތުލައިގައިންފައިވަނީ 28 ޕެކެޓާއި ދަބަހެކެވެ. އޭގެން ކޮންމެ ޕެކެޓެއްގައި ހުރީ އެއް ކިލޯ ކަމަށް އެނގިފައިވެ އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތް މިހާރު ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފަ އެވެ. އެގޮތުން ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުން ކުރާ ތަންތަން ބަންދުކުރުމުގެ މަސައްކަތް ވެސް ވަނީ ކޮށްފަ އެވެ. އަދި އެ ތަންތަން ހުންނަ ސަރަހައްދުތަކުގައި ފޯރި މަރަން ފުލުހުން ވެސް ތިބެ އެވެ.