މޯލްޑިވްސް ޕޮލިސް ސާވިސް

100 ކިލޯ މަސްތުވާތަކެތި އަތުލައިގެންފި

ފުލުހުން ހިންގަމުންތާ ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން 100 ކިލޯ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފާއިދުވެދިޔަ 24 ގަޑިއުރު ތެރޭގައި ފުލުހުންގެ ޑްރަގް އިންޓަލިޖެންސާއި މެރައިން ފުލުހުން އަދި ފޮރެންސިކްސް ޓީމުން ފެށި އޮޕަރޭޝަން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ އެކިކަންކޮޅުތަކުން 10 ތަނެއް ފާސްކޮށް ގާތްގަޑަކަށް 100 ކިލޯގެ ހިރޮއިން ހޯދާފައިވާ ކަމަށް ސީޕީ ވިދާޅުވި އެވެ. އަދި މި އޮޕަރޭޝަންގައި 10 މީހުން ހައްޔަރު ކޮށްފައިވާ ކަަމަށް ވެސް ވިދާޅުވި އެވެ.

ފުލުހުން ވަނީ މާލޭގައި ކެފޭ ހިންގާ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ 25 ގެއެއްގެ ވެރިފަރާތަށް ގާނޫނީ އިންޒާރު ވެސް ވަރަށް ފަހުން ދީފަ އެވެ. އަދި އެތަންތަން ބަންދުކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ވެސް ވަނީ ފަށާފަ އެވެ.

ކެފޭ ހިންގާ އުސޫލުން ޑްރަގް ވިޔަފާރި ކުރާ ތަންތަނަށް މީހުން ވަނަނުދީ ހިފެހެއްޓުމުގެ މަސައްކަތް ވެސް ފުލުހުން ވަނީ ފަށާފަ އެވެ. އަދި ބަންދު ކުރި ތަންތަނުގެ ބޭރުގައި 24 ގަޑިއިރު ފުލުހުން ޑިއުޓީ ކުރަމުން ދެއެވެ.