ހަބަރު

މަސްދޯންޏަކުން 72 މިިލިއަން ރުފިޔާގެ ޑްރަގް ހޯދައި 11 މީހަކު ހައްޔަރަށް

ފުލުހުންގެ އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް އާއި މެރިން ޕޮލިސް ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނެއްގައި މަސް ދޯންޏަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައި 11 މީހަކު ހައްޔަރު ކޮށްފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނުވަ ދުވަހު ފުލުހުން ކުރި މަސައްކަތުން އެ މަސް ދޯނިން ހޯދާފައި ވަނީ 61.06 ކިލޯގެ ހިރޮއިން ބާވަތުގެ މަސްތުވާތަކެތި ކަމަށެވެ. އެ ތަކެތީގެ އަގު ގާތްގަނޑަކަށް 72 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކޮމިޝަނަރު ހަމީދު ވިދާޅުވި އެވެ.

މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ 11 ދިވެހިންނެވެ. އޭގެ ތެރެއިން ހަތް މީހުން ހައްޔަރު ކުރީ މަސް ދޯނިންނެވެ. އަަނެއް ހަތަރު މީހުން ހައްޔަރު ކޮށްފައި ވަނީ މާލެ އާއި ހުޅުމާލެ އިންނެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.