މޯލްޑިވްސް ޕޮލިސް ސާވިސް

11 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ ހަތަރު މީހާކު ހައްޔަރުކޮށްފި

މާލެއާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި 11 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ ކައުންޓާ ނާކޮޓިކްސް ޓީމުން އިއްޔެ މާލެ އަދި ހުޅުމާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 11.26 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ.

މި ތަކެތި އަތުލައިގަތީ މާލެ އަދި ހުޅުމާލެއިން ޖުމުލަ ފަސް ސަރަހައްދެއް ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ.

އަތުލައިގަނެފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނެބިސް އެވެ. އަދި މި މައްސަލައާއި ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އާ އަހަރު ފެށުނު ފަހުން ފުލުހުންގެ އޮޕަރޭޝަންތަކުގައި މިހާތަނަށްވެސް ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބިއަރު އަދި ބަނގުރާފުޅިތައް އަތުލައިގެންފަ އެވެ. މިގޮތުން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ހަފްތާ ތެރޭގައި ވަނީ 44 ބިޔަރު ދަޅާއި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 36 ފުޅި އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ވެސް އަތުލައިގެންފަ އެވެ.