ގޭންގް ކުށްތަކާއި މަސްތުވާތަކެތީގެ ނަންބަރުތައް އިތުރުވާ ކަމަށް ފެންނަނީ އަލަށް ކުށްތައް އިތުރުވާތީ ނޫން ކަމަށާއި، އެއީ ނަތީޖާ ނެރެވޭތީ ފެންނަ ނަންބަރުތަކެއް ކަމަށް ސަރުކާރުން ބުނެފި އެވެ.
ރާއްޖޭގައި ގޭންގްތައް ހަރަކާތްތެރިވާ މިންވަރާއި އަތުލައިގަނެވޭ މަސްތުވާތަކެތީގެ މިންވަރު އިތުރުވަމުން އަންނަ ކަމަށް ކަމާގުޅުން ހުރި އިދާރާތަކުން ހާމަކުރާ ނަންބަރުތަކުން އެނގެ އެވެ.
ނަންބަރުތަކަށް އިޝާރާތްކޮށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދަށް އަވަސް އިން ސުވާލުކުރުމުން ވިދާޅުވީ އެ ނަންބަރުތައް އިތުރުކަމަށް ދައްކަނީ އަލަށް ކުށްކޮށްގެން ނޫން ކަމަށާއި ފިޔަވަޅު އެޅޭތީ ކަމަށެވެ.
މިއުވާން ވިދާޅުވީ މީގެކުރިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުން މާބޮޑު ފިޔަވަޅެއް ނޭޅޭ ކަމަށާއި އެކަމަކު މިހާރު އެކަމުގައި ސަރުކާރުން ދޫ ނުދޭ ކަމަށެވެ. އެހެންކަމުން މަސްތުވާތަކެތި އަތުލައިގަނެވޭ މިންވަރާއި ހައްޔަރުކުރެވޭ މިންވަރު އިތުރުވާ ވަރަކަށް ނަންބަރުތައް ގިނަވަމުން އަންނަނީ ކަމަށް އާންމުންނަށް ފެންނަނީ ކަމަށްވެސް ވިދާޅުވި އެވެ.
"...އަނެއްކާ ވެސް ތަކުރާރުކޮށްލަން ނަންބަރުތައް މިގިނަވަނީ، ހައްޔަރުކުރެވޭ މީހުންނާ އަތުލައިގަނެވޭ މަސްތުވާތަކެތީގެ އަދަދު މި ގިނަވަނީ އެކަމަށް އަޅާ ފިޔަވަޅުގެ ސަބަބުން. މީ އަލަށް ކުއްލިއަކަށް ކަމެއް އިތުރުވަނީއެއް ނޫން،" މިއުވާން ވިދާޅުވި އެވެ.
މިއުވާން އިތުރަށް ވިދާޅުވީ ސަރުކާރުން އެ ނަންބަރުތައް ހާމަކުރަނީ ވެސް ހެޔޮ ނިޔަތެއް އޮތުމުން ކަމަށާއި، މިފަދަ ކަންކަން ހުއްޓުވަން ސަރުކާރުން ގިނަ އަދި މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ގޭންގް ކުށްތަކާއި މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ސަރުކާރުގެ އިދާރާތައް ނުކުޅެދިފައިވާ ކަމަށް ގަބޫލުނުކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.
ފުލުހުންގެ އިދާރާ އިން ބުނީ މިމަހުގެ އަށްވަނަ ދުވަހު އެކަނިވެސް ވަނީ 264.93 ކިލޯގެ މަސްތުވާތަކެތި ނައްތާލާފަ އެވެ. އެއީ މިދިޔަ އަހަރު އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތެރެއިން ނައްތާނުލައި ހުރި މަސްތުވާތަކެއްޗެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ހާމަކޮށްފައިވާ 2020 ވަނަ އަހަރުގެ ކުށުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެ އަހަރުގެ ތެރޭގައި އެންމެ ގިނައީ ވައްކަމާއި ޑްރަގްސް މައްސަލަތަކެވެ. ވައްކަމުގެ 3،581 މައްސަލަ އޮތް އިރު ޑްރަގުގެ 1،425 މައްސަލަ ހިމެނެ އެވެ. ވައްކަން ކުރުމާއި ޑްރަގުގެ ތެރޭގައި ވެސް އެންމެ ގިނަ އިން ހަރަކާތްތެރިވަނީ އެކި ގޭންގުތަކަށް ނިސްވަތްވާ މީހުންނެވެ.