ދުނިޔެ

ޓެރަރިސްޓުން ހޯދާ އޮޕަރޭޝަނުގައި ބާރުތަކަށް ހަމަލާ ދެނީ

Apr 27, 2019
3

ކޮލޮމްބޯ (އޭޕްރީލް 27) - މިދިޔަ އާދީއްތަ ދުވަހު ސްރީލަންކާގައި ދިން ރަހުމްކުޑަ ބޮމުގެ ހަމަލާތަކާއި ގުޅިގެން ތުހުމަތު ކުރެވޭ އިތުރު މީހުން ހޯދުމުގެ ބޮޑު އޮޕަރޭޝަން ކުރިޔަށްދާއިރު ތުހުމަތުވާ ފަރާތްތަކުން ސަލާމަތީ ބާރުތަކަށް ހަމަލާތައް ދެމުން ގެންދާކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނި ގޮތުގައި، ބަޓިކަލޯ ސަރަހައްދުގައި ހުރި ގެއެއް އިއްޔެ ބަލާ ފާސް ކުރަން އުޅުމުގެ ތެރޭގައި، ބޮމެއް ގޮއްވާލައި، ސަލާމަތީ ބާރުތަކަށް ބަޑީގެ ހަމަލާތަކެއް ދީފައިވާ ކަމަށެވެ. އެ ސަރަހައްދުގައި ހިންގި އެހެން އޮޕަރޭޝަނެއްގެ ތެރެއިން އިތުރު ގޮވާ ތަކެއްޗާއި، އާދީއްތަ ދުވަހު ދިން ހަމަލާގެ ޒިންމާ އުފުލާފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ދިދަތަކެއްގެ އިތުރުން ޔުނީފޯމުތަކެއް ފެނިފައިވާ ކަމަށް ފުލުހުން އިތުރަށް ބުނެފައިވެ އެވެ.

އެ ހަމަލާގެ ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ އޮޕަރޭޝަންތައް މުޅި ގައުމުގައި ކުރިއަށްދާއިރު، ގައުމަށް ކުރުމަތިވެފައިވާ ނުރައްކަލުގެ ހާލަތުން އަދިވެސް އަރައި ނުގަނެވޭ ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ހަމަލާތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު މިހާރު 250 އަށް ތިރިކޮށްފައިވާއިރު، އެ ހަމަލާތައް ހުއްޓުވަން ސަލާމަތީ ބާރުތައް ނުކުޅެދުނުކަމުގެ ތުހުމަތުތަކާއެކު، އެގައުމުގެ ސަލާމަތީ ބާރުތަކުގެ އިސް ދެ ވެރިއަކު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

އެ ހަމަލާތައް ދޭން ރާވަމުންދާކަމުގެ މައުލޫމާތު ލަންކާގެ ޖާސޫސީ އިދާރަތަކަށް އެނގުނު ނަމަވެސް، އެ މައުލޫމާތު ހިއްސާކޮށްފައިނުވާކަމަށް ރަނިލް އިއްޔެ ވެސް ވަނީ ތަކުރާރުކުރައްވައިފަ އެވެ.

އެ ހަމަލާތައް ދިން އިސްލާމީ ހަރުކަށި ފިކުރުގެ "ނެޝަނަލް ތައުހީދު ޖަމާއަތު" ނަމަކަށް ކިޔާ ގުރޫޕަކަށް "ބޭރުގެ ނެޓުވާކަކުން" އެހީތެރިވެދީފައިވާ ކަމަށް ލަންކާ ސަރުކާރުން ވަނީ ބުނެފަ އެވެ. އެގޮތުން، ސީރިއާ އަދި އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތެއްވާކަމަށް ސަރުކާރުން އިތުރަށް ބުނެފައިވެ އެވެ.

އެ ގައުމުގެ މިސްކިތްތަކަށް އަމާޒުކޮށް ހަމަލާތަކެއްދީފާނެ ކަމުގެ ބިރަށް، އިއްޔެ ހުކުރު ނުކުރުމަށް އިލްތިމާސްކުރި ނަމަވެސް، ގިނަ މިސްކިތްތަކުގައި ސަލާމަތީ ފިޔަވަޅުތަކާއެކު ހުކުރު ވަނީ ކޮށްފަ އެވެ.

އެ ހަމަލާގެ ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ އޮޕަރޭޝަންތަކުގައި ސަލަމާތީ ބާރުތަކުގެ 10،000 އަށް ވުރެ ގިނަ އޮފިސަރުން ހަރަކާތްތެރިވަމުންދާއިރު، މިހާތަނަށް 80 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އައިއެސްއަށް ތާއީދުކުރާ 130 ވުރެ ގިނަ މީހުން ލަންކާގައި ހަރަކާތްތެރިވަމުންދާ ކަމަށާއި، އޭގެ ތެރެއިން 70 މީހުން އަދިވެސް ފިލައިގެން އުޅޭކަމަށް ރައީސް މައިތިރިޕާލަ ސިރިސޭނަ އިއްޔެ ވަނީ ނޫސްވެރިންނަށް ވިދާޅުވެފަ އެވެ.