ސްރީލަންކާގެ ބޮމުގެ ހަމަލާ

ހަމަލާ ގުޅިފައިވަނީ ޑުރަގް ވިޔަފާރިއާ: ލަންކާ ރައީސް

Jul 2, 2019

ސްރީލަންކާގެ ފައްޅިތަކަކާއި ހޮޓާތަކަކަށް މިއަހަރުގެ އޭޕްރިލް މަހު ދިން ޓެރަރިސްޓް ހަމަލާތަކާއި މަސްތުވާތަކެތީގެ ވިޔަފާރި އާއި ގުޅިފައިވާ ކަމަށް އެ ގައުމުގެ ރައީސް މައިތިރިޕާލާ ސްރިސޭނާ ވިދާޅުވެއްޖެ އެވެ.

އިއްޔެ ލަންކާގައި ފާހަގަކުރި މަސްތުވާތަކެއްޗާ ދެކޮޅު ހެދުމުގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސިރިސޭނާ ވިދާޅުވީ އެ ހަމަލާތައް ޓެރަރިޒަމްގެ އަމަލުތަކާއި މަސްތުވާތަކެތީގެ ވިޔަފާރިތަކާއި ވެސް ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށެވެ.

ސިރިސޭނާ ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރިއަކީ ނުރައްކާތެރި ކަން ކަމަށް މަގުފަހި ކުރުވާ ކަމަކަށްވާއިރު، އެ ގައުމުގައި ސިޔާސީ ބޭފުޅުން މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރަަން ބޭނުންފުޅުވާ މަންޒަރު ނުފެންނަ ކަމަށެވެ.

އީސްޓާ ސަންޑޭއާއި ދިމާކޮށް ލަންކާގެ އެކި ހިސާބުތަކަށް ދިން ބޮމުގެ ހަމަލާތަކުގައި ވަނީ 258 މީހުން މަރުވެފަ އެވެ. ހަމަލާތަކާއި ގުޅިގެން މިހާތަނަށް ވަނީ 100 ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. ހަމަލާތަށް ދީފައިވަނީ ނޭޝަނަލް ތައުހީދު ކިޔާ ޖަމާއަތަކުންނެވެ. ފަހުން އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ މި ހަމަލާގެ ޒިންމާ އުފުލާފަ އެވެ.