މައިތްރިޕާލާ ސިރިސޭނާ

ބޮމުގެ ހަމަލާއާ ގުޅިގެން ލަންކާ ރައީސާ ސުވާލުކުރަނީ

ސްރިލަންކާގެ އެކި ހިސާބުތަކަށް މިދިޔަ އެޕްރީލް މަހު ފަހުކޮޅު ދިން ބޮމުގެ ހަމަލާތާ ގުޅިގެން އެ ގައުމުގެ ރައީސް މައިތުރިޕާލާ ސިރިސޭނާއާ މަޖިލިސް ކޮމިޓީން ސުވާލު ކުރަން ނިންމައިފި އެވެ.

ސިރިސޭނާއާ ސުވާލުކުރުން އޮންނަނީ މިމަހު 20 ވަނަ ދުވަހު އެމަނިކުފާނުގެ އޮފީހުގަ އެވެ. ބޮމުގެ ހަމަލާއާ ގުޅިގެން މިދިޔަ މަހު ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ ޕާލިމެންޓް ކޮމިޓީއަށް ބަޔާން ދެއްވާފަ އެވެ. ސިރިސޭނާ އުފެއްދި ޕާލިމެންޓް ކޮމިޓީއަށް ވަނީ ލަންކާގެ މިނިސްޓަރުންނާއި، ސަލާމަތީ ބާރުތަކުގެ އިސްވެރިން ބަޔާންދެއްވާފަ އެވެ. އަދި މައްސަލަ ބަލާ ކޮމެޓީގައި ހިމެނޭ ތިން މެމްބަރެއްގެ ބަޔާންވެސް ވަނީ ނަގާފަ އެވެ.

ލަންކާގައި ބޮމުގެ ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު އިންޑިއާ ސަރުކާރުން ވަނީ ލަންކާގެ ކަމާބެހޭ ފަރާތްތަކަށް ދީފަ އެވެ. އިންޑިއާއިން ދިން ޖާސޫސީ މައުލޫމާތަށް ސީރިއަސްކޮށް ނަގާފައިނުވުމުން ލަންކާގެ ސަލާމަތީ ބާރުތަކުގެ އިސްވެރިން ވަނީ މަގާމުން ދުރުކޮށް، އާ ބޭފުޅުން އައްޔަންކޮށްފަ އެވެ.

ޕާލިމެންޓް ކޮމިޓީން ސަރުކާރުގެ އިސް ބޭފުޅުންގެ ބަޔާން ނަގަމުން ދާތީ ލަންކާ ފުލުހުން ވަނީ އެކަން އެގޮތަށް ނުކުރުމަށް އެދިފަ އެވެ. އަދި ފުލުހުންގެ ކުރަމުންދާ ތަހުގީގަށް ދަތިނުކުރުމަށް ވެސް އެދިފަ އެވެ. ބޮމުގެ ހަމަލާ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ޕާލިމެންޓް ކޮމިޓީން ވެސް ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ. ކޮމިޓީން މައްސަލަ ތަހުގީގު ކުރުމަށް ސިރިސޭނާ ވެސް ދެކޮޅެވެ.

އެޕްރީލް މަހު ލަންކާގެ އެކި ހިސާބުތަކަށް ބޮމުގެ ހަމަލާދީފައިވަނީ ނޭޝަނަލް ތައުހީދް ޖަމާއަތް (އެންޓީޖޭ) އިންނެވެ. މި ހަމަލާގައި 258 މީހުން މަރުވި އެވެ.