ދުނިޔެ

ލަންކާގެ ޑިފެންސް ސެކްރެޓަރީއާއި ފުލުހުންގެ ވެރިޔާ ހައްޔަރުކޮށްފި

Jul 2, 2019
1

ކޮލޮމްބޯ (ޖުލައި 2) - މިދިއަ އޭޕްރީލް މަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި އިހުމާލުވިކަމުގެ ތުހުމަތުގައި އެ ގައުމުގެ ޑިފެންސް ސެކްރެޓަރީގެ އިތުރުން ފުލުހުންގެ ވެރިޔާ ހައްޔަރުކޮށްފި އެވެ.

އޭޕްރީލް 21 ވަނަ ދުވަހު ދީނީ ހަރުކަށި ފިކުރުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައި އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ނިސްބަތްވާ ޖަމާއަތަކުން ކްރިސްޓިއަނުންގެ ފައްޅިތަކެއްގެ އިތުރުން ހޮޓާތަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކުގައި 250 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އެ ހަމަލާތައް ދޭން އުޅޭކަމުގެ މައުލޫމާތު އިންޑިއާގެ އިތުރުން އެމެރިކާގެ ޖާސޫސީ އިދާރާތަކުން ހިއްސާކުރި ނަމަވެސް، ލަންކާގެ ސަލާމަތީ ބާރުތަކުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

ޑިފެންސް ސެކްރެޓަރީ ހޭމަސިރީ ފެނަންޑޯގެ އިތުރުން އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް ޕުޖީތު ޖަޔަސުންދަރަ ހައްޔަރުކޮށްފައިވަނީ، އެ ދެ ބޭފުޅުންނަށް އިންސާނިއްޔާތާ ހިލާފު އަމަލެއް ހިންގި ކަމުގެ ދައުވާ ކުރަންޖެހޭކަމަށް ބަންޑާރަ ނައިބު ވިދާޅުވެފައިވަނިކޮށެވެ.

ފުލުހުންގެ އިތުރު ނުވަ އިސް އޮފިސަރުންވެސް އެ ހަމަލާތަކުގައި އިހުމާލުވިކަމުގެ ތުހުމަތު ބަންޑާރަ ނައިބު ވަނީ ކުރައްވައިފަ އެވެ.

އެ ހަމަލާތަކާ ގުޅިގެން، ޑިފެންސް ސެކްރެޓަރީގެ އިތުރުން އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް ވެސް ވަނީ އެ ހަމަލާތަކުގެ މައުލޫމާތުގެ މައްޗަށް ފިޔަވަޅު ނޭޅުނީ ރައީސް މައިތިރިޕާލަ ސިރިސޭނާގެ ސަބަބުން ކަމަށް އެގައުމުގެ ޕާލިމަންޓުން ހިންގި ތަހުގީގެއްގައި ވިދާޅުވެފަ އެވެ.