ދުނިޔެ

ލަންކާގައި ކުއްލި ހާލަތުގެ މުއްދަތު އިތުރުކޮށްފި

ސްރީލަންކާގެ ފައްޅިތަކަކާއި ހޮޓާތަކަކަށް މިއަހަރުގެ އެޕްރިލް މަހު ދިން ހަމަލާތަކާއި ގުޅިގެން އެ ގައުމުގައި އިއުލާން ކޮށްފައިވާ ކުއްލި ހާލަތުގެ މުއްދަތު ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އިތުރު ކުރަވައިފި އެވެ.

ސިރިސޭނާ ވިދާޅުވު ގޮތުގައި އެ މަނިކުފާނު ކުއްލި ހާލަތުގެ މުއްދަތު އިތުރު ކުރައްވާފައި ވަނީ އަދި ވެސް އެގައުމުގެ ހާލަތު އިތުރަށް ރަނގަޅުވާން ވަގުތު ދިނުމުގެ ގޮތުން ނެވެ. ކުއްލި ހާލަތުގެ ދަށުން އެ ގައުމުގެ ފުލުހުންނާއި ސިފައިންނަށް މީހުން ހައްޔަރުކޮށް ތަންތަން ބަލާ ފާސްކުރުމަށް ލިބިދޭ ބާރުތައް މުއްދަތު އިތުރު ނުކުރިނަމަ މިއަދަށް ހަމަވާނެ އެވެ.

މިދިޔަ މެއި މަހުގެ ފަހުކޮޅު އެމެރިކާއާއި ޖަޕާނާއި ކެނަޑާގެ އިތުރުން އޮސްޓްރޭލިއާގެ ޑިޕްލޮމެޓުންގެ ގާތުގައި ކުއްލި ހާލަތުގެ ދަށުން ލަންކާގެ ސަލާމަތީ ކަންކަމުގެ 99 ޕަސެންޓް ހަމައަކަށް އެޅުވިއްޖެ ކަމަށާއި 22 ޖޫންގައި ކުއްލި ހާލަތު އުވާލާނެކަމަށް ވަނީ ވިދާޅުވެފަ އެވެ.

ސިރިސޭނާ ވިދާޅުވި ގޮތުގައި އެ ހަމަލާތަކާއި ގުޅުންހުރި ހުރިހާ އެންމެން އެ ގައުމުގެ ސިފައިންނާއި ކުރިމަތިލުމުގައި ވާާނީ ހައްޔަރު ކޮށްފަ ނޫނީ މަރުވެފަ އެވެ.

ލަންކާއަށް ދީފައިވާ ހަމަލާތަކުގައި 258 މީހުން ވަނީ މަރުވެފަ އެވެ. އެ ހަމަލާތަކާާއި ގުޅިގެން މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފަ އެވެ.

ލަންކާއަށް އެފަދަ ހަމަލާތަކެއް ދޭން އުޅޭކަން ލަންކާ ސަރުކާރަށް އަންގާފައިވާނެ ކަމަށް އެހެން ގައުމުތަކުގެ ސަލާމަތީ އިދާރާތަކުން ބުނެފައިވާއިރު އެ ހަމަލާާތައް ދިނުމުގައި ލަންކާގެ އިސް ބައެއް އޮފިޝަލުންގެ އިހުމާލުވޭތޯ ބެލުމަށް ފުލުހުންގެ ތަހުގީގު ވަނީ ފަށާފަ އެވެ.

އަދި ހައްދު ފަހަނައަޅާފައިވާ ބަޔަކު ލަންކާގެ ތަންތަނަށް ހަމަލާތަކެއް ދޭން އުޅޭކަން އިންޑިއާއިން ހުދު ސިރިސޭނާއަށް އަންގަވާފައި ވާނެކަމަށް ވިދާޅުވުމާއި ގުޅިގެން އެ މަނިކުފާނަށް ގިނަ ބައެއްގެ ފާާޑުކިއުން އަމާޒުވެފައި ވެއެވެ.