ދުނިޔެ

ލަންކާ: އޮކްޓޯބަރު ނިމެންދެން މަރުގެ ހުކުމް ތަންފީޒު ކުރުން ހުއްޓުވައިފި

Jul 6, 2019
1

ކޮލޮމްބޯ (ޖުލައި 6) - ސްރީލަންކާގައި މަރުގެ ހުކުމް ތަންފީޒުކުރުން އޮކްޓޯބަރު މަސް ނިމެންދެން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ކޯޓުން ނެރެފި އެވެ.

ލަންކާގައި މަސްތުވާތަކެތީގެ ބޮޑު މައްސަލަތަކުގައި މަރުގެ ހުކުމް ތަންފީޒު ކުރަން ޖެހޭ ހުރިހާ ކަމެއް ނިމި އެކަމާއިގެން ކުރިއަށް ދިއުމަށްޓަކައި ހަތަރު ގައިދީއަކަށް އިއްވާފައިވާ މަރުގެ ހުކުމް ތަންފީޒު ކުރުމަށް އެ ގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ އަންގަވައިފަ އެވެ.

ނަމަވެސް، މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ގާނޫނު އާސާސީއާ ހިލާފުކަމެއް ކަމަށް ބުނެ ހުށަހެޅި މައްސަލައާމެދު ވަކި ގޮތެއް ކަނޑައަޅަންދެން، މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް ކޯޓުން ވަނީ އަންގައިފަ އެވެ.

އެގޮތުން، އިއްޔެ ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ، އެ މައްސަލާގައި އޮކްޓޯބަރު 30 ވަނަ ދުވަހު ގޮތެއް ކަނޑައަޅާނެ ކަމަށާއި، އެ މުއްދަތު ތެރޭގައި މަރުގެ ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލުމަށެވެ.

ލަންކާގައި މަރުގެ އަދަބު ލިޔެވިފައިވާ އޮތް ނަމަވެސް 1976 ވަނަ އަހަރުން ފެށިގެން މަރުގެ ހުކުމެއް ތަންފީޒު ކޮށްފައެއް ނުވެ އެވެ. ނަމަވެސް، ސިރިސޭނާ ވިދާޅުވަނީ މަރުގެ ހުކުމް ތަންފީޒު ނުކުރުުގެ ސަބަބުން މީހުން މަރާ މީހުންނާއި މަސްތުވާތަކެތީގެ ވިޔަފާރިވެރިން ޖަލުތަކަށް ގިނަވެ ޖަލުތައް ތޮއްޖެހެމުންދާ ކަމަށެވެ. އަދި މިދިއަ އޭޕްރީލް މަހު ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ މަސްތުވާތަކެތީ ވިޔަފާރިއާ ގުޅުން އޮތް ކަމަށް ސިރިސޭނާ ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

އަހަރުތަކެއް ފަހުން ލަންކާގައި މަރުގެ ހުކުމް ތަންފީޒު ކުރަން ނިންމާފައި ވާއިރު އެ ގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި މުޅި ދުނިޔެއިން ވެސް ރައީސް ސިރިސޭނާއަށް މަރުގެ ހުކުމް ތަންފީޒު ކުރުން ހުއްޓުވުމަށް ދަނީ ގޮވާލަމުންނެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން، މަރުގެ ހުކުމް އިއްވާފައިވާ ގާތްގަނޑަކަށް 1،300 މީހުން މިވަގުތު އެބަ ތިއްބެވެ.