ސްރިލަންކާގެ މިހާރު ފަށައިފައިވާ މަސްތުވާތަކެއްޗާ ދެކޮޅު މަސައްކަތުގެ ސަބަބުން ކޮންމެ ދުވަހަކުވެސް މަރުގެ އިންޒާރުތައް ލިބެމުންދާ ކަމަށް ސްރިލަންކާގެ ރައީސް މައިތިރިޕާލާ ސްރިސޭނާ ވިދާޅުވެއްޖެ އެވެ.
ލަންކާގައި މަސްތުވާތެއްޗާއި ދެކޮޅަށް ސްރިސޭނާ ވަނީ ވަރުގަދަ އޮޕަރޭޝަނެއް ފައްޓަވާފަ އެވެ. ސްރިސޭނާ ވިދާޅުވީ، މަރުގެ އިންޒާރު އެ މަނިކުފާނަށް ދެނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ނަފްސާނީ ގޮތުން ބަލިކޮށިކޮށް މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށް ގެންދާ އޮޕަރޭޝަން ހުއްޓުވާލަން ކަމަށެވެ.
އަދި ވިދާޅުވީ، މަރުގެ އިންޒާރު ލިބޭކަން އެގުނީ ޖާސޫސީ އިދާރާތަކުން އެކަން ސަމާލުކަމަށް ގެނައުމުން ކަމަށާއި މަސްތުވާތަކެތީގެ ވިޔަފާރީ ކުރަމުންދާ ފަރާތްތަކުންނާއި ސިޔާސީ ފަރާތްތަކުން ސޯޝަލް މީޑިއާގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތަށް ފިލައި ތިބެ ފާޑު ކިޔާ ކަމަށެވެ.
އެފަރާތްތަށް ރައްދު ދެއްވާ ސިރިސޭނާ ވިދާޅުވީ، ރައްޔިތުންގެ ފައިސާ ބޭނުން ކޮށްގެން ނަފުރަތު އުފައްދާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އެއީ ސިޔާސީ ފަރާތަކަށްވިޔަސް ޖެހިލުމެއްނެތި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
މަސްތުވާތެކެތީގެ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކުރާ ފަރާތުގެ މައްޗަށް ކުށް ސާބިތު ވެއްޖެނަމަ މަރުގެ އަދަބު ދޭ ގޮތަށް ގާނޫނު އިސްލާހުކޮށް ސިރިސޭނާ ވަނީ ތަސްދީގު ކުރައްވާފަ އެވެ. ލަންކާގައި މަރުގެ ހުކުމް އިއްވާފައިވާ 1000 ވުރެ ގިނަ މީހުން މިހާރުވެސް އެބަތިއްބެވެ.