ދުނިޔެ

ސިރީސެނާ ހުންނަވައިގެން 769 ކިލޯގެ ޑްރަގު ނައްތާލައިފި

އެކި މައްސަލަތަކުގައި ސްރީލަންކާއިން އަތުލައިގެންފައިވާ 769.464 ކިލޯގެ މަސްތުވާ ތަކެތި ރައީސް މައިތިރިޕާލާ ސިރީސެނާގެ ހާޒިރުގައި މިއަދު ނައްތާލައިފި އެވެ. އެ މަނިކުފާނުގެ ހާޒިރުގައި މި ތަކެތި ނައްތާލީ ގޮނަވަލާ ގެ ގުދަނެއްގެ ތެރޭގަ އެވެ.

މި ޑްރަގުތައް ނައްތާލި އިރު ރައީސް ސިރިސެނާގެ އިތުރުން ކޮލަމްބޯ މެޖިސްޓްރޭޓް އަދި މައުންޓްލެވިނިއާ ޗީފް މެޖިސްޓްރޭޓްވެސް ބަލަހައްޓައިގެން ތިއްބެވި އެވެ.

ޕޮލިސް ތަރުޖަމާނު އެސްޕީ ރުވާން ގުނަސޭކަރަ ވިދާޅުވީ އެ ތަކެތި ދިޔައި ކުރުމަށް ފަހު ފުލުހުންގެ ބެލުމުގެ ދަށުން ހަތަރު ކޮންޓޭނަރުގައި ހަވާލު ކުރާނީ ޕުއްޓަލަމްގެ ސިމެންތި ފެކްޓަރީއެއް ކަމަށްވާ އިކޯސައިކަލް ލިމިޓަޑާއެ ވެ. އަދި އެތަނުގައި މިތަކެތި 1800 އާއި 2000 ޑިގްރީ ސެލްސިއަސް ގެ ގަދަ ހޫނުން އަންދާލައި ވައިގެ ތެރެއަށް ދޫކޮށްލާނެ އެވެ.

އިކޯސައިކަލް ކުންފުންޏަކީ ސެންޓްރަލް އެންވައިރަންމަންޓް އެޖެންސީ އިން މިފަދަ ތަކެތި ނައްތާލަން ހުއްދަ ދީފައިވާ، އަދި އެ ގައުމުގައި މި ތަކެތި ނައްތާލުމުގެ ޓެކްނޮލޮޖީ މިވަގުތު ލިބިފައިވާ ހަމަ އެކަނި ކުންފުންޏެވެ.

ލަންކާގެ އެޓާނީ ޖެނެރަލް ވަނީ މި ތަކެތި ނައްތާލުމުގައި ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތެއް ހިޔާރު ކުރަން އިލްތިމާސް ކުރަށްވާފަ އެވެ.