ދުނިޔެ

ލަންކާގައި މަރުގެ ހުކުމް ތަންފީޒު ކުރަން ޖައްލާދުން ނަގައިފި

Jun 30, 2019
3

ކޮލޮމްބޯ (ޖޫން 30) - ސްރީލަންކާގައި މަރުގެ ހުކުމް ތަންފީޒު ކުރަން ތައްޔާރުވެފައިވަނިކޮށް، ޖައްލާދުގެ މަގާމަށް ދެ މީހަކު އައްޔަނުކޮށްފި އެވެ.

ޖައްލާދުންގެ މަގާމަށް މީހުން އައްޔަނުކޮށްފައިވަނީ، ލަންކާގައި މަސްތުވާތަކެތީގެ ބޮޑު މައްސަލަތަކުގައި މަރުގެ ހުކުމް ތަންފީޒު ކުރަން ޖެހޭ ހުރިހާ ކަމެއް ނިމި އެކަމާއިގެން ކުރިއަށް ދިއުމަށްޓަކައިހަތަރު ގައިދީއަކަށް މަރުގެ ހުކުމް އިއްވުމަށް ސޮއިކޮށްފައިވާނެ ކަމަށް އެ ގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވިދާޅުވެފައިވަނިކޮށެވެ.

ލަންކާގައި މަރުގެ އަދަބު ލިޔެވިފައިވާ އޮތް ނަމަވެސް 1976 ވަނަ އަހަރުން ފެށިގެން މަރުގެ ހުކުމެއް ތަންފީޒު ކޮށްފައެއް ނުވެ އެވެ.

ޖައްލާދުން ހޯދަން މިދިއަ ފެބްރުއަރީ މަހު ކުރި އިއުލާނާއެކު 100 އަށް ވުރެ ގިނަ މީހުން އެ މަގާމަށް ކުރިމަތިލާފައިވާކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.

މީގެ ފަސް އަހަރު ކުރިން، ލަންކާގެ ޖައްލާދު އިސްތިއުފާދިން ފަހުން، ދާއިމީކޮށް އެ މަގާމު އަދާ ކުރާނެ މީހަކު ވަނީ ނުލިބިފަ އެވެ. އެންމެ ފަހުން އެ މަގާމުގައި ހުރި މީހާ އިސްތިއުފާ ދިނީ، ދަން ޖައްސާ ސަރަހައްދު ފެނިގެން، ލިބުނު ޝޮކެއްގަ އެވެ. އޭނާގެ ބަދަލުގައި، މިދިޔަ އަހަރު އެ ވަޒީފާއަށް އައްޔަންކުރި މީހާ ވެސް، ވަޒީފާއަށް ނުނިކުމެ ވަނީ މަގާމު ދޫކޮށްލާފަ އެވެ.

ސަރުކާރުން ބުނީ ޖައްލާދުގެ މަގާމަށް ނެގި ދެ މީހުންނަށް ދެ ހަފްތާގެ ތަމްރީން ޕްރޮގްރާމެއް ހިންގާނެ ކަމަށެވެ.

އަހަރުތަކެއް ފަހުން ލަންކާގައި މަރުގެ ހުކުމް ތަންފީޒު ކުރަން ނިންމާފައި ވާއިރު އެ ގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި މުޅި ދުނިޔެއިން ވެސް ރައީސް ސިރިސޭނާއަށް މަރުގެ ހުކުމް ތަންފީޒު ކުރުން ހުއްޓުވުމަށް ދަނީ ގޮވާލަމުންނެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން، މަރުގެ ހުކުމް އިއްވާފައިވާ ގާތްގަނޑަކަށް 1،300 މީހުން މިވަގުތު އެބަ ތިއްބެވެ.

ސިރިސޭނާ ވިދާޅުވަނީ މަރުގެ ހުކުމް ތަންފީޒު ނުކުރުުގެ ސަބަބުން މީހުން މަރާ މީހުންނާއި މަސްތުވާތަކެތީގެ ވިޔަފާރިވެރިން ޖަލުތަކަށް ގިނަވެ ޖަލުތައް ތޮއްޖެހެމުންދާ ކަމަށެވެ.