ދުނިޔެ

ލަންކާގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ޖައްލާދުން ހޯދަނީ

Feb 14, 2019
1

ކޮލޮމްބޯ (ފެބްރުއަރީ 13) - ސްރީލަންކާގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށްޓަކައި ދެ ޖައްލާދުން ހޯދަން އެ ގައުމުގެ ސަރުކާރުން އިއުލާނުކޮށްފި އެވެ.

ދައުލަތުން ހިންގާ ޑެއިލީ ނޫހުގައި ޝާއިއުކޮށްފައިވާ އިއުލާނުގައިވާ ގޮތުން، "ނަފްސާނީ ގޮތުން" ވަރުގަދަ ދެ ޖައްލާދުން ބޭނުންވާ ކަމަށް ބުނެފައިވެ އެވެ.

ލަންކާގައި މަރުގެ އަދަބު ލިޔެވިފައިވާ އޮތް ނަމަވެސް 1976 ވަނަ އަހަރުން ފެށިގެން މަރުގެ ހުކުމެއް ތަންފީޒު ކޮށްފައެއް ނުވެ އެވެ.

މީގެ ފަސް އަހަރު ކުރިން، ލަންކާގެ ޖައްލާދު އިސްތިއުފާދިން ފަހުން، ދާއިމީކޮށް އެ މަގާމު އަދާ ކުރާނެ މީހަކު ވަނީ ނުލިބިފަ އެވެ. އެންމެ ފަހުން އެ މަގާމުގައި ހުރި މީހާ އިސްތިއުފާ ދިނީ، ދަން ޖައްސާ ސަރަހައްދު ފެނިގެން، ލިބުނު ޝޮކެއްގަ އެވެ. އޭނާގެ ބަދަލުގައި، މިދިޔަ އަހަރު އެ ވަޒީފާއަށް އައްޔަންކުރި މީހާ ވެސް، ވަޒީފާއަށް ނުނިކުމެ ވަނީ މަގާމު ދޫކޮށްލާފަ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން، މަރުގެ ހުކުމް އިއްވާފައިވާ ގާތްގަނޑަކަށް 1،300 މީހުން މިވަގުތު އެބަ ތިއްބެވެ.

ޖައްލާދުން ހޯދަން އިއުލާނު ކޮށްފައި މިވަނީ، މަސްތުވާތަކެއްޗާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނަ ދާދި ފަހުން ވައުދުވެފައި ވަނިކޮށެވެ.

މިދިޔަ މަހު ފިލިޕީންސްއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި، އެގައުމުގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ އިސްވެ، މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގަމުންދާ ހަރުކަށި ކެމްޕެއިނަށް ސިރިސޭނަ ވަނީ ތައުރީފު ކުރައްވައިފަ އެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް 2016 ވަނަ އަހަރު ފިލިޕީންސް ސަރުކާރުން ފަށާފައިވާ އޮޕަރޭޝަނުގައި މިހާތަނަށް 5،000 އަށް ވުރެ ގިނަ މީހުން ވަނީ މަރާލާފައި އެވެ.