ދުނިޔެ

މަރުގެ ހުކުމް ތަންފީޒު ކުރާނެ ތާރީހު ވަނީ ކަނޑައަލާފައި: ސިރިސޭނާ

ސްރީލަންކާގައި މަސްތުވާ ތަކެތި ޓްރެފިކް ކުރާ މީހުނަށް މަރުގެ ހުކުމް ތަންފީޒު ކުރަން ފަށާނެ ތާރީހެއް ކަނޑައަޅުއްވައިގެން ހުންނެވި ކަމަށް އެ ގައުމުގެ ރައީސް މައިތިރިޕާލާ ސިރިސެނާ ވިދާޅުވެއްޖެ އެވެ.

މަސްތުވާ ތަކެއްޗާއި ދެކޮޅަށް އަޑުއުފުލުމަށް ބޭއްވި އެއްވުމެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ އެ ގައުމުގެ މަސްތުވާ ތަކެތީގެ ގާނޫނު ކުރިއަށްވުރެ ވަރުގަދަ ކޮށްފައިވާ ކަމަށެވެ. އަދި ޑްރަގު ވިޔަފާރި ކުރާ އެތައް ބަޔަކު ކޮންމެ ދުވަހަކު ފުލުހުން އަތުލައިގަނެ މިހާތަނަށް 25 މީހަކަށް މަރުގެ ހުކުމް އިއްވާފައިވާ ކަމަށެވެ.

ސްރީލަންކާގައި މަރުގެ ހުކުމް އަނެއްކާވެސް ތަންފީޒު ކުރަން ފަށައިފިނަމަ ޑްރަގް ޓްރެފިކިންގްގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް ސިރީސެނާ ގަބޫލުފުޅު ކުރައްވަ އެވެ. ސިރީސެނާ ވަނީ އެމަނިކުފާނުގެ އިސްނެންގެވުމުގެ ދަށުން އެމަނިކުފާނު ވަޑައިގެން ހުންނަވައިގެން އެކި މައްސަލަތަކުގައި އަތުލައިގަނެވިފައިވާ 769 ކިލޯގެ މަސްތުވާ ތަކެތި ނައްތާލާފެ އެވެ.

އެ މަނިކުފާނު މިގޮތަށް ކަންތަށް ކުރައްވާފައި އެކިއެކި މައްސަލަތަކުގައި އަތުލައިގަނެވޭ ހުރިހާ މަސްތުވާ ތަކެއްޗަށް ހަދަނީ ކިހިނެއްތޯ ރައްޔިތުން ސުވާލު އުފެއްދުމާއި ގުޅިގެނެވެ.

މަރުގެ ހުކުމް ތަންފީޒު ކުރުމަށް ޖައްލާދަކު ހޯދަން ލަންކާ ސަރުކާރުން މީގެ ކުރިން އިއުލާން ކުރުމާއި ގުޅިގެން 100 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ.