ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލަތަކާ އައިއެސްއާ ގުޅުމެއް ނެތް: ސީއައިޑީ

މިދިޔަ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ސްރީ ލަންކާގެ ފައްޅި ތަކަށާއި، ހޮޓާތަކަށް ދިން ބޮމުގެ ޓެރަރިސްޓް ހަމަލާތަކުފެ ފަހަތުގައި އޮތް ތައުހީދު ޖަމާއަތާ އިސްލާމީ ހަރުކަށި ފިކުރު ގެންގުޅޭ އައިއެސްއާ ގުޅުމެއް ނެތް ކަމަށް ތަހުގީގު ޓީމުން ބުނެފި އެވެ.

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ކުރިއަށް ދިޔަ ޕެނަލް ޑިސްކަޝެއްގައި ވާހަކަފުޅު ދައްކަވަމުން ބޮމުގެ ހަމާލަތައް ދިން މައްސަލައިގެ ތަހުގީގުތައް ކުރާ ސީއައިޑީގެ ހެޑް ރަވީ ސީނީވިރާތޭ ވިދާޅުވީ، ހަމަލާތައް ދިން އަލް ތައުހީދުގެ ޖަމާއަތުގެ މެމްބަރުންނަކީ އައިއެސްގެ ފިކުރު ގެންގުޅޭ ބައެކެވެ. ނަމަވެސް އެއީ އެ ޖަމާއަތާއި އެއްވެސް ވަރަކަށް ގުޅުން އޮތް ބައެއް ނޫން ކަމަށެވެ.

ސީނީވިރާތޭ ވިދާޅުވީ، އަލް ތައުހީދު ޖަމާއަތުން ހަމަލާތައް ދިނީ، އައިއެސްގެ ފިކުރަށް ތާއީދު ކުރާތީ ކަމަށެވެ. އަދި ވިދާޅުވީ، ތައުހީދު ޖަމާއަތުން ބޮމުގެ ހަމަލާތައް ދޭން އުޅޭކަން ލަންކާގެ އިންޓެލިޖެންސަށް އެނގިފައި އޮތް ކަމަށާއި. ހަމަލާތައް ދިނުމުގައި ތައުހީދު ޖަމާއަތް ކާމިޔާބުވީ އިންޓެލިޖެންސް ފެއިލްވުމުން ކަމަށެވެ.

"އެމީހުންނަކީ އައިއެސް ފިކުރަށް ތާއީދު ކުރާ ބައެއް، އެހެންވެ ހަމަލާ ދިނީ، އެކަމަކު ހަމަލާ އާއި ސީދާ ގޮތުން އައިއެސް އާއި އެއްވެސް ގުޅުމެއް ވާކަމަށް ތަހުގީގަކަށް ނުފެނޭ، އަދި އެކަމަށް ބާރު ލިބޭ އެއްވެސް ކަމެއްވެސް ފެނިފައެއް ނުވޭ" ސީނީވިރާތޭ ވިދާޅުވި އެވެ.

ލަންކާގެ ސަލާމަތީ ބާރުތަކުން ވަނީ ހަމަލާގެ ފަހަތުގައިވާ އެންމެން ހައްޔަރުކޮށްފަ އެވެ. އެ ޖަމާއަތުގެ ލީޑަރު ޒަހަރަން ހާޝްމީ ވަނީ ޖާނު ގޮއްވާލައިގެން ދިން ހަމަލާއެއްގައި މަރުވެފަ އެވެ. ހަމަލާ ދޭން އުޅޭ ކަމުގެ މައުލޫމާތު އެނގިތިބެ ސިއްރުކުރި މައްސަލައިގައި ޑިފެންސް ސެކްރެޓަރީ އާއި ފުލުހުންގެ ވެރިޔާ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި 258 މީހަކު މަރުވި އެވެ. އެ ހަމަލާތަކާާއި ގުޅިގެން މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރު ކޮށްފަ އެވެ.