ހަބަރު

ޝޯން ޕޯލްއާ ވާހަކަ ދެއްކުމުގެ ފުރުސަތަކަށް ރައީސް ނަޝީދު އެދި ވަޑައިގެންފި

Dec 30, 2014
2

މަޝްހޫރު ލަވަކިޔުންތެރިޔާ ޝޯން ޕޯލްއަށް ރައްކާތެރިކަންދޭން ދޭން އޭނާ އާއި އޭނާގެ ޓީމާ ވާހަކަ ދައްކަވަން ފުރުސަތު ހޯދައި ދިނުމަށް ސަރުކާރުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދި ވަޑައިގެންފި އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއް މެދުވެރިކޮށެވެ.

މަރުގެ އިންޒާރާ ގުޅިގެން ޝޯން ޕޯލްގެ ރާއްޖެ އައުން ކެންސަލް ކޮށްފައި ވަނިކޮށް ރައީސް ނަޝީދު މިއަދު ހެނދުނު ޓްވީޓް ކުރައްވާ ވިދާޅުވެފައި ވަނީ ސަރުކާރުގެ މުނާފިގުކަން ބޮޑު ކަމަށާއި އެހެން ނަމަވެސް އާ އަހަރު ފާހަގަކުރަން ސަރުކާރުން ބާއްވާ މިއުޒިކް ޝޯއަށް ހުރަސް އަޅައިގެން ރާއްޖެއަށް ރަނގަޅެއް ނުލިބޭނެ ކަމަށެވެ.

އަދި އޭގެ ފަހުން ވިދާޅުވެފައި ވަނީ ޝޯން ޕޯލްއަށް ރައްކާތެރިކަން ރާއްޖޭގައި އޮތްކަން ވިސްނައި ދިނުމަށް އޭނާ އާއި ޓީމާ ވަހަކަ ދެއްކުމުގެ ފުރުސަތެއް ތަނަވަސްކޮށްދޭން ސަރުކާރުގައި އެދި ވަޑައިގެންފައިިވާނެ ކަމަށެވެ.

ރައީސް ނަޝީދުގެ އެ ޓްވީޓާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވީ ޝޯން ޕޯލަށް ދިވެ ސަރުކާރާއި ދައުލަތުން ދޭންޖެހޭ ޔަގީންކަން ދީފައިވާނެ ކަމަށާއި އަދި އެކަން ބަޔާންކޮށް ބަޔާނެއް ވެސް ނެރެފައިވާނެ ކަމަށެވެ. އަދި މި ދަނޑިޅުގައި ރައީސް ނަޝިދު ކުރެޑިޓް ހޯއްދަވަން އުޅުއްވުމުގެ މާނައެއް ނެތް ކަމަށެވެ. 

"ސަރުކާރުން ކުރަންޖެހޭ ކަންކަމާއި ދޭން ޖެހޭ ޔަގީންކަން ވަނީ [ޝޯން ޕޯލް] އަށް ދީފައި. ރައީސް ނަޝީދު ޓްވީޓެއް ކުރުމަކީ އެހެން ކަމެއް،" މުއާޒު ވިދާޅުވި އެވެ.

ޝޯން ޕޯލް ރާއްޖެ އައުން ކެންސަލް ކުރީ އޭނާ ރާއްޖެ އަތުވެއްޖެނަމަ މަރާލާނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ވީޑިއޯއެއް އާންމު ކުރުމާ ގުޅިގެނެވެ. އޭނާ ނައި ނަމަވެސް ޝޯ ބާއްވާ ގޮތަށް އެ ޝޯ އިންތިޒާމް ކުރާ ފަރާތުން ވަނީ ބުނެފަ އެވެ.