ބޮލީވުޑް

ހުޝީ ބޮލީވުޑަށް އައުމަށް ބޭނުމީ ކަރަންގެ ފިލްމެއް

ސްރީދޭވީގެ އެންމެ ހަގު ދަރިފުޅު، ހުޝީ ކަޕޫރު ވެސް ފިލްމީ ދާއިރާއިން ފެންނާނެ ކަމަށް ގިނަ ބަޔަކު އިންތިޒާރު ކުރެ އެވެ. ހާއްސަކޮށް ހުޝީގެ ދައްތަ ޖާންވީ ކަޕޫރު ބޮޮލީވުޑަށް ނުކުތުމުން ހުޝީވެސް ފިލްމީ ދާއިރާއިން ފެނިދާނެތޯ އަހަ އެވެ.

މޮޑެލް ކުރަން ޝައުގުވެރިކަން ހުރި ކަމަށް މީގެ ކުރިން ބުނެފައިވާ ހުޝީ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ފިލްމީ ދާއިރާއަށް ނުކުންނަންޏާ އެކަން ކުރާނީ ކަރަން ޖޯހަރުގެ ފިލްމަކުން ކަމަށެވެ.

ކަރަންވެސް ވަނީ މީގެ ކުރިން އެ ވާހަކަ ދައްކާފަަ އެވެ. ބަތަލާ ނެހާ ދޫޕިއާ ހުށަހަޅާ ޗެޓް ޝޯ "ނޯ ފިލްޓާ ނެހާ" ގައި ހާއްސަ މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ކަރަން ވަނީ ހުޝީއަކީ ވަރަށް ރީތި ކުއްޖެއް ކަމަށާއި އޭނާ ބޮލީވުޑަށް ނެރެން ބޭނުންވާ ކަމަށް ބުނެފަ އެވެ.

ބޮލީވުޑަށް ނުކުތުމަށް ޝައުގުވެރިކަަން ފާޅު ކުރުމުން އަންނަ އަހަރު ކަރަން ނެރޭ ފިލްމުގައި ހުޝީ ފެންނާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ފަހުން ކަރަން އެއްޗެއް ނުބުނެ އެވެ.

ހުޝީގެ ދައްތަ ޖާންވީ ކަޕޫރު ވެސް ބޮލީވުޑަށް ނެރެދިނީ ކަރަންޖޯހަރެވެ. މިދިޔަ އަހަރު ނެރުނު ފިލްމު "ދަޅަކް" އިން ޖާންވީ ދައްކާލުމަށްފަަހު އާއްމުންގެ ފަރާތުން ލިބުނު ތަަރުހީބާއެކު ޖާންވީއަށް ވަނީ އިތުރު ފިިލްމުތަކެއް ވެސް ލިބިފަ އެވެ. މިހާރު ޖާންވީ މަސައްކަތް ކުރަނީ ކަރަންގެ ފިލްމު "ތަހުތު" ގަ އެވެ.

ކަރަން ޖޯހަރަކީ އާ ތަރިން ބޮލީވުޑަށް ނެރުމުގައި އެންމެ ފާހަގަ ކޮށްލެވޭ ޑައިރެކްޓަރެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ. އަދި ހާއްސަކޮށް ކުރީގެ ފިލްމީ ތަރިންގެ ދަރިން ބޮލީވުޑަށް ނެރުމުގައި އެންމެ އިސް ދަައުރެއް އަދާ ކުރަނީ ކަރަން ކަމަށް އެކި ފަރާތްތަކުން ބުނެ އެވެ.