ހަބަރު

ރާއްޖެ ތަރައްގީ ކުރާނީ ގުދުރަތީ ރީތި ކަމާއެކު: ރައީސް

މި ސަރުކާރުން ރާއްޖެ ތަރައްގީ ކުރާއިރު، އެންމެ އިސްކަމެއް ދޭނީ ރާއްޖޭގެ ގުދުރަތީ ރީތިކަން ވީހާވެސް ބޮޑަށް ދެމެހެއްޓޭނެ ގޮތަކަށް ތަރައްގީ ގެންނަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ސްކައުޓް އެސޯސިއޭޝަނުން ޖަމާލުއްދީން ސްކޫލުގައި ރޭ ބޭއްވެވި "ވުޑްބެޖް ރީޔޫނިއަން ބެންކްއެޓް" ހަފުލާގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ހަފުލާގައި ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުން އެންމެ އިސްކަމެއް ދޭނީ ރާއްޖޭގެ ގުދުރަތީ ރީތިކަން ވީހާވެސް ބޮޑަށް ދެމެހެއްޓޭނެ ގޮތަކަށް ތަރައްގީ ގެނައުމަށް ކަމަށާއި، އޭގެ ސަބަބުން ކުރިމަގުގެ ޖީލުތަކަށް ރާއްޖޭގެ ގުދުރަތީ ވެށި ހަލާކުނުވެ ފެންނަން އޮންނާނެ ކަމަށެވެ.

ސްކައުޓުގެ ހަމަތަކާއި އުސޫލުތައް ގައުމުގައި ފެތުރިގެންދާ ވަރަކަށް އޭގެ ހެޔޮ އަސަރު މުޖްތަމައަށް ކުރާނެ ކަމަށާއި އޭގެ ސަބަބުން ފަރުދުންގެ މެދުގައި އެއްބައިވަންތަކަން ވެސް އިތުރުވެގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވި އެވެ. އަދި ސްކައުޓް ހަރަކާތުން އޯގާތެރިވުމަށާއި، އިތުބާރު ހިފޭ ފަރާތަކަށް ވުމަށާއި، ކަންކަމަށް ފަރުވާތެރިވުންފަދަ މުހިންމު ސިފަތައް ދަސްކޮށްދޭ ކަމަށާއި، ސްކައުޓް ހަރަކާތް ރާއްޖެއަށް ތަޢާރަފުވި ފަހުން، ވޭތުވެދިޔަ 60 ވަރަކަށް އަހަރުގެ ތެރޭގައި ދިވެހި އެތައް ދަރިންނެއްގެ ކިބައިގައި އިޖްތިމާއީ ރަނގަޅު އާދަތައް ހަރުލެއްވުމުގައި ސްކައުޓް ހަރަކާތުގެ ދައުރު ބޮޑުކަން ރައީސް ވަނީ ރޭ ފާހަގަ ކުރައްވި އެވެ.