ދުނިޔެ

އެމެރިކާގެ މަގެއްގެ މައްޗަށް ވެއްޓުނު 30،000 ޑޮލަރު ހޯދަނީ

Apr 28, 2019
1

މިޝިގަން (އޭޕްރީލް 28) - އެމެރިކާގެ މިޝިގަން ސްޓޭޓްގައި ދުއްވަމުންދިޔަ ވެހިކަލަކުން މަގު މައްޗަށް ވެއްޓުނު 30،000 އެމެރިކާ ޑޮލަރު އަނބުރާ ހޯދައި ދޭން އާންމުންގެ ކިބައިން ފުލުހުން އެދިއްޖެ އެވެ.

މިދިއަ ބުރާސްފަތި ދުވަހު މިޝިގަންގައި ރިޕޯޓުކުރި ޓްރެފިކް މައްސަލައެއް ހައްލު ކުރަން ފުލުހުން އެ ސަރަހައްދަށް ދިއައިރު، މަގުމަތިން ފައިސާގެ ނޫޓުތައް ހޮވަން ވެހިކަލްތަކުން މީހުން ފައިބައިގެން މަސައްކަތް ކުރަމުންދިއަ މަންޒަރު ވަނީ ފެނިފަ އެވެ.

ފައިސާތައް ހިފައިގެން ދަތުރުކުރި ވެހިކަލުގެ ވެރިމީހާ ފުލުހުންނަށް ބުނި ގޮތުގައި، އޭނާ ހަނދާން ނެތިގެން ފައިސާތައް އަޅާފައިހުރި ފޮށިގަނޑު އެ އުޅަނދުގެ ބަމްޕަރު މަތީގައި ބެހެއްޓުނީ ކަމަށެވެ.

އިއްޔެ އާ ހަމައަށް، މަގުމައްޗަށް ވެޓުނު ފައިސާގެ ތެރެއިން 7،000 ޑޮލަރު އާންމުންގެ އެކި މީހުން ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށްވެ އެވެ.

އުމުރުން 17 އަހަރުގެ ދެ ކުއްޖަކު 600 އަށް ވުރެ ގިނަ ޑޮލަރު އަނބުރާދީފައިވާއިރު، އަންހެނަކު ގާތްގަނޑަކަށް 4،000 ޑޮލަރު ފުލުހުންނާ ވަނީ ހަވާލުކޮށްފަ އެވެ. އެ މީހުންގެ ނަޒާހަތްތެރިކަމަށް ފުލުހުންގެ އިތުރުން އާންމުން ވެސް އަންނަނީ ތައުރީފު ކުރަމުންނެވެ.

ފައިސާ ފޮށިގަނޑު ވެއްޓުނު ސަރަހައްދުން ފުލުހުންނަށް ހޯދިފައިވަނީ އެންމެ 2،400 ޑޮލަރުކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އެ ސަރަހައްދުން ހޮވާފައިވާ ފައިސާތައް ފުލުހުންނާ ހަވާލު ކޮށް ދިނުމަށް އާންމުންނަށް ވަނީ އިލްތިމާސްކޮށްފަ އެވެ.