ހަބަރު

ސިއްހީ ހިދުމަތްތެރިންގެ ތަމްރީނަށް އެއްބަސްވުމެއް ހަދައިފި

ސިއްހީ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްގީ ކުރަން ހެލްތު މިނިސްޓްރީއާ އޮސްޓްރޭލިއާގެ ގްރިފިތު ޔުނިވާސިޓީއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގައި ގްރިފިތު ޔުނިވާސިޓީގެ އެހީތެރިކަން ލިބޭނެ އެވެ. އަދި މީގެ އިތުރުން ދެފަރާތް ގުޅިގެން ރިސާޗް ހެދުމާއި ސިއްހީ ދާއިރާ ކުރި އަރުވަން މަތީ ތައުލީމާއި ތަމްރީންގެ ޕްރޮގްރާމްތައް ހިންގާނެ އެވެ.

މިއަދު ސޮއި ކުރި މި އެއްބަސް ވުމުގެ ދަށުން ރާއްޖޭގައި މިހާރުވެސް ދޭ އެމްބިއުލާންސްގެ ހިދުމަތް ފުޅާ ކުރުމަށާއި އިމަޖެންސީ ފަރުވާ ތަރައްގީ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް އެހީތެރިކަން ލިބޭނެ އެވެ.

އަދި ޑޮކްޓަރުންނާއި ނަރުހުންނާއި ހެލްތު ވޯކަރުން ތަމްރީން ކުރުމާއި ކޮމިއުނިޓީ ޕެރަމެޑިކްސް ފަދަ ދާއިރާތަކުން ޕްރޮގްރާމްތައް ރާވާ ހިންގައިދޭނެ އެވެ.

އޮސްޓްރޭލިއާގެ ގްރިފިތު ޔުނިވާސިޓީ އިން ވަނީ 2018 ގައި ޕެރަމެޑިކް ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ލ. އަތޮޅުގައި ވެސް ބާއްވާފަ އެވެ.