ހަބަރު

ޑަބްލިއުއެޗްއޯގެ ރެކޮމެންޑޭޝަނެއް ނެތް: ޕީޖީ

ވެންޓިލޭޓަރުތައް ގެންނަން އެ ކުންފުންޏާ ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ރެކަމެންޑުކޮށްގެން ކަން ދައްކަން ލިއެކިއުންތަކުގައި މަސައްކަތްކޮށްފައިވާކަމަށް އޭސީސީގެ ރިޕޯޓުގައިވީ ނަމަވެސް، ރެކޮމެންޑޭޝަނެއްގެ ގޮތުގައި ނުބެލެވޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

މި މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޖީ ވިދާޅުވީ ޕީޖީ އަށް ލިބިފައި ހުރި ލިޔުންތަކުން އެބަ އެނގޭ ޑަބްލިއުއެޗްއޯގެ ރެކޮމެންޑޭޝަނެއް އޭގެ ޒާތުގައި އެ އިބާރާތުގައި އެއަކު ނެތިދާނެ ކަމަށެވެ.

އެހެންނަމަވެސް އެއީ ޑަބްލިއުއެޗްއޯ އަށް ނޭނގި ހިނގާފައި އޮތް ކަމެއް ނޫން ކަމަށާއި ޑަބްލިއުއެޗްއޯ އަށްވެސް މައުލޫމާތު ލިބިގެން ހިނގާފައި އޮތް ކަމެއް ކަމަށް ޕީޖީ ވިދާޅުވި އެވެ.

"ޑަބްލިއުއެޗްއޯ ވިޔަސް، ކޮންމެ ތަނަކުން ރެކޮމެންޑް ކުރިޔަސް ބިޑް ކޮމިޓީން ފޮލޯ ކުރަންޖެހޭ އުސޫލުތަކެއް ހުރޭ، އެ އުސޫލުތައް ފޮލޯ ކުރުމަކީ ބިޑް ކޮމިޓިން ކުރަން ޖެހޭ ކަމެއް" ޕީޖީ ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތަކެއް ހޯދުމުގައި ހެލްތު މިނިސްޓްރީން ކުރި ހަރަދުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ކޮވިޑް-19 އިގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. އެ ރިޕޯޓްގައި މިނިސްޓަރު އަމީނާއި އެ މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވް އަހްމަދު އަސްލަމާއި ބިޑް ކޮމިޓީގެ އިހުމާލު އޮތް ކަމަށްވެސް ފާހަގަކޮށްފައި ވެއެވެ.

އޮޑިޓު ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައި ވަނީ ތިން ކުންފުންޏަކާ ހަވާލު ކޮށްގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ހަދާފައިވާ ބޮޑެތި ގޯސްތަކެވެ. އެންމެ ބޮޑު މައްސަލައަކީ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކިޔާ ކުންފުންޏަކާ 34 މިލިއަން ރުފިޔާ އަށް ހަވާލުކޮށް ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައި ވުމެވެ.

ވެންޓިލޭޓަރުތައް ގެންނަން އެ ކުންފުންޏާ ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ރެކަމެންޑުކޮށްގެން ކަން ދައްކަން ލިއެކިއުންތަކުގައި މަސައްކަތްކޮށްފައިވާކަމަށް ރިޕޯޓުގައި ހާމަވެފައިވާއިރު ޖުމްލަ އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކައިފަ އެވެ.

މިކަމާ ގުޅިގެން ހެލްތު މިނިސްޓަރު ކޮމިޓީ އަށް ހާޒިރު ކުރުމުން ވިދާޅުވީ ބިޑް ކޮމިޓީގެ މަސައްކަތްތަކާއި ވެންޓިލޭޓަރުތައް ގެންނަން ދުބާއީ ކުންފުންޏާ ހަވާލުކުރުމާ ހަމައަށް އެކަން ތަރުތީބުވެގެން އައިސްފައިވަނީ ޑަބްލިޔުއެޗްއޯ އާ ކުރެވުނު މުއާމަލާތްތަކުގެ މައްޗަށް ކަމަށެވެ.

މިގޮތުން، އެކި މަރުހަލާތަކުގައި ޑަބްލިޔުއެޗްއޯގެ އެކި މުއައްޒަފުންނާ ކުރެވުނު މުއާމަލާތްތަކުގެ ލިޔެކިއުންތައް ހުރި އިރު، އެއީ ރަސްމީ މުއާމަލާތެއް ކަމަށް ކަނޑައެޅުން މިހާރު ބިނާވެފައިވަނީ އެކަން ތަރުޖަމާކުރާ ގޮތެއްގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ޑަބްލިޔުއެޗްއޯ އިން މައުލޫމާތު ލިބުނު. އެ މައުލޫމާތުގެ އަލީގައި އަޅުގަނޑުމެން ކުރިއަށް ދިއައީ،" އަމީން ތަކުރާރުކޮށް ވިދާޅުވި އެވެ.

އަދި މި މައްސަލާގައި ހެލްތު މިނިސްޓްރީން ފޮނުވި ލިޔެކިޔުންތަކަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ރިއާއަތްކޮށްފައިނުވާކަމަށް މިނިސްޓަރު މިއަދުވެސް ތުހުމަތުކުރެއްވި އެވެ.

"ހެލްތު މިނިސްޓްރީން އެބަ ބުނޭ ތިމަންނާމެން މުއާމަލާތް ކުރީމޭ. ދެން ހުރި ފަރާތުން މި ބުނަނީ ނުކުރަމޭ. އެހެންވީމާ އެއް ފަރާތުން ބުނާ ވާހަކައަށް ބަލާފައި މިކަހަލަ ކަންކަން ނިންމުމަކީ އެންމެ ރަނގަޅުގޮތް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އަމީން ވިދާޅުވި އެވެ.

އަމީން މިއަދުވެސް ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލާގައި ވަކި ބަޔަކަށް ނާޖާއިޒު ފައިދާ އެއް ހޯދައިދޭން ހެލްތު މިނިސްޓްރީގެ މަސައްކަތް ކޮށްފައިވާކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.