ހަބަރު

އަތޮޅުތަކުގެ ހިދުމަތްތައް ކުރިއަށްވުރެ ފުޅާކުރެވިއްޖެ: ހެލްތު

ރާއްޖޭގެ ސިއްހީ ނިޒާމު ވަރަށް ބޮޑަށް ދަށަށް ދާކަމަށް ސިއްހީ ދާއިރާގެ ބޭފުޅުންތަކެއް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި ދެއްކެވި ވާހަކަތަކަށް ހެލްތު މިނިސްޓްރީން ރައްދު ދީފި އެވެ.

ހެލްތު މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގަައި ބުނީ ދާއިރާގެ މަސައްކަތްތައް ރާވާ ހިންގުމުގައި މިހާރުވެސް ހަރަކާތްތެރިވަނީ އެ ދާއިރާގެ ތަމްރީނާއި ތަޖުރިބާ ލިބިފައި ތިބި މީހުން ކަމަށާއި ސިއްހީ ދާއިރާ ތަރައްގީ ކުރަމުން ގެންދަނީ އެ ދާއިރާގެ ދުރު ރާސްތާ ޕްލޭނެއްގެ ދަށުން ކަމަށެވެ. އަދި، އަތޮޅު ތެރޭގެ ސިއްހީ ހިދުމަތްތައް ކުރިއަށްވުރެ ބޮޑަށް ފުޅާ ކުރެވި ވަސީލަތްތައް ދަނީ ގާއިމް ކުރަމުން ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އެގޮތުން، އަތޮޅު ހޮސްޕިޓަލްތަކުގައި ތަފާތު ސްޕެޝަލިޓީގެ ހިދުމަތްތައް ތައާރަފްކޮށް މާލެ އަށް ރިފާކުރުން ކުރިއަށްވުރެ ވަނީ މަދުކުރެވިފައި ކަމަށާއި ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ތަރައްގީ ކުރަމުން އަންނަ ކަން ވަނީ އެ ބަޔާނުގައި ފާހަގަ ކޮށްފަ އެވެ.

"...މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ތަރައްގީކުރުމާއި ކުރިން ނުދެވޭ ސްޕެޝަލިޓީ ހިދުމަތްތައް ހޮސްޕިޓަލްތަކުގައި ވަނީ ފެށިފަ އެވެ. ލާމަރުކަޒި ސިއްހީ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އަތޮޅު ތެރޭގެ ސިއްހީ ހިދުމަތް ދޭ ތަންތަނަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް މިހާރު ވެސް ކުރެވެމުން ދެ އެވެ،" ހެލްތު މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ކުރީގެ ސިއްހީ ހިދުމަތްތެރިންނާއި ބައެއް ޑޮކްޓަރުން އިތުރަށް ފާހަގަ ކުރެއްވީ ސިއްހީ ދާއިރާގެ ނިންމުންތަކަށް ފަންނީ މާހިރުންގެ ލަފަޔާ ނުހޯދާ ކަމަށާއި ދާއިރާ ހިންގުމަށް ޕޮލިސީތަކާއި ގައިޑްލައިންތަކެއް ހަދާފައި ހުއްޓަސް އެކަންކަމަށް އަމަލު ނުކުރާ ކަމަށެވެ. އެ ވާހަކަތަކަށް ރައްދު ދެމުން ހެލްތުގެ ބަޔާނުގައި ބުނީ މިނިސްޓްރީގެ އެގްޒެކެޓިވް ލެވަލް ގެ ބައްދަލު ވުންތައް ބާއްވަނި ރައީސުލްޖުމްހޫރިއްޔާ މިނިސްޓްރީ އަށް އައްޔަނުކޮށްފައިވާ ބޭފުޅުންނާއި ސިވިލްސާވިސް މުވައްޒަފުންނާ އެކު ކަމަށެވެ. އަދި ދާއިރާގެ ފަންނީ ނިންމުންތައް ނިންމަނީ އެކަމަށް އެކުލަވާލާފައިވާ ކޮމިޓީތަކާއި މައުލޫމާތުތަކަށް ވބިނާކޮށް ކަމަށެވެ.

"...މި މަސައްކަތްތައް ކުރަނީ ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތިން، ދާއިރާގެ އެކި ކަންކަމަށް ސިޔާސީ ބޭފުޅުން މަސްއޫލުވެތިއްބަވައިގެން އެ ބޭފުޅުންގެ ބައިވެރިވުމާއެކު އެކިއެކި ފަރާތްތަކާއެކު ވިލަރެސްކޮށް ކަނޑައެޅިފައިވާ އިންތިޒާމުތަކެއްގެ ދަށުން، އެހެނިހެން ދާއިރާތަކުގެ ބައިވެރިވުމާއެކުގަ އެވެ" ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ އިޖުތިމާއީ ކޮމިޓީގައި ސިއްހީ ހިދުމަތާ ބެހޭ ގޮތުން ދާއިރާގެ ބޭފުޅުން ދެއްކެވި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަކީ މުހިއްމު ކަމެއް ކަމަށާއި އެ މައުލޫމާތު މަޖިލީހަށް ދިނުމުގެ ކުރިން ހެލްތު މިނިސްޓްރީ އާ މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ.

މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ސިއްހީ ދާއިރާގެ ފަސްބޭފުޅަކު ދެއްކެވި ވާހަކައިގެ ސަބަބުން ހެލްތު މިނިސްޓްރީ އަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.