އެކި އެކި ސަބަބުތަކާއި ހެދި ވަޒީފާ އަދާ ނުކޮށް ގޭގައި ތިބި ސިއްހީ ހިދުމަތްތެރިން މަސައްކަތަށް ނުކުތުމުގެ ފުރުސަތު ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްއިން ހުޅުވާލައިފި އެވެ.
އައިޖީއެމްއެޗްއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މިދުވަސްވަރު ފެތުރެމުންދާ ކޮވިޑް-19 ރޯގާއާ ގުޅިގެން، ސިއްހީ ހިދުމަތްތެރިން މަސައްކަތަށް ނުކުތުމުގެ ފުރުސަތު އެ ހޮސްޕިޓަލުން ހުޅުވާލާފައިވާ ކަމަށެވެ.
އަދި އެފަދަ ސިއްހީ ހިދުމަތްތެރިންނަކީ ގައުމަށް ކުރިމަތިވާ ސިއްހީ ކާރިސާތަކުގައި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ތައްޔާރަށްތިބޭ ބަޔަކަށްވާތީ، މަސައްކަތަށް ނުކުތުމަށް އެ ހޮސްޕިޓަލުން އިލްތިމާސް ކުރާ ކަމަށެވެ.
އެކަމުގައި ޝައުގުވެރިކަން ހުރި ފަރާތްތަކުން އެކަމަށް ހާއްސަކޮށްފައިވާ 7980282 ނަންބަރަށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނަކަމަށްވެސް އެ އިއުލާނުގައި އިތުރަށް ބުންޏެވެ.
އެކި އެކި ސަބަބުތަކާއި ހެދި ވަޒީފާ އަދާ ނުކޮށް ގޭގައި ތިބި ސިއްހީ ފަންނުވެރިން، ހިދުމަތަށް ނުކުތުމަށް ހެލްތު މިނިސްޓަރުު އަބްދުﷲ އަމީން ވެސް ދާދި ފަހުން ވަނީ ގޮވާލައްވައިފަ އެވެ.
މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި، މި ވަގުތަކީ ރާއްޖޭގައި ތިބި ހުރިހާ ފަންނީ މީހުނާއި ސިއްހީ ދާއިރާގެ މީހުންގެ އެހީތެރިކަން ގައުމަށް އެންމެ ބޭނުންވާ ވަގުތު ކަމަށާއި އެފަދަ ފަރާތްތައް ގޭގައި ނުތިބެ ހިދުމަތަށް ނިކުތުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެހީތެރިކަން ފޯރުކޮށްދޭން ހިދުމަތަށް ނުކުންނަން ބޭނުންވާ ފަރާތްތަކުން ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީވުމަށް ވެސް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.
"މިވަގުތަކީ އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ފަންނީ ބޭފުޅުންނާއި ސިއްހީ ހިދުމަތްތެރިން އަޅުގަނޑުމެންނަށް އެހީވާންވީ ވަގުތު. ގޭގައި ނުތިއްބަވާ ހިދުމަތަށް ނިކުންނަވާ. އަޅުގަނޑު ވަރަށް ބޮޑަށް އެދެން ހެލްތު ދާއިރާގައި އުޅުއްވާ ބޭފުޅުންގެ ތެރެއިން މި ވަގުތު ޗުއްޓީގައި ތިއްބެވި ބޭބޭފުޅުން ވެސް މަސައްކަތަށް ނުކުމެ ގައުމީ މި ހިދުމަތުގަ ބައިވެރިވާން،" އޭނާ ވިދާޅުވި އެވެ.
ދުނިޔެއިން ބަލާއާފާތެއް ކަމަށް ކަނޑައަޅާފައިވާ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާއިރު ސިއްހީ ދާއިރާގެ ހިދުމަތްތެރީންގެ ތެރެއިން ރިޓަޔާ ވެފައިވާ ފަރާތްތަކާއި ހިދުމަތަށް ނުކުންނަން ބޭނުންވި ބައެއް ފަރާތްތަަށް ވަނީ ހިދުމަތާ ބައިވެރިވެފަ އެވެ.