ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރާއްޖެއަށް އިތުރު 5000 ޓެސްޓު ކިޓް

ކޮވިޑް-19 އަށް ޓެސްޓު ކުރަން ބޭނުންކުރާ އިތުރު 5،000 ޓެސްޓް ކިޓު ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ހަވާލުކޮށްފި އެވެ.

މި ކިޓްތައް ހަދިޔާ ކޮށްފައި ވަނީ ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ޓެސްޓް ކިޓް ތަކާއި ރާއްޖެއިން ހަވާލުވެ ވަޑައިގަތީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. މީގެ ކުރިން ވެސް ޑަބްލިއުއެޗްއޯ އިން ވަނީ ރާއްޖެއަށް 6،000 ކިޓް ހަދިޔާކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ، ކޮރޯނާ ވައިރަހަށް ރާއްޖޭގައި ޓެސްޓް ކުރުމުގެ ގާބިލްކަން އިތުރު ކުރަން މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން ޑަބްލިއުއެޗްއޯ އާއި އެެޗްޕީއޭ އަދި ޓެކްނިކަލް ފަރާތްތަކާ އެކީގަ އަމާޒު ހިފާފައި ވަނީ ރާއްޖެ އަށް ބަލި އައުން ކޮންޓްރޯލް ކުރުމަށް ޓެސްޓުތައް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ބަލި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާތީ ރާއްޖެ އިން މިކަމާ ދޭތެރޭ ލުއިކޮށް. ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި މި ބަލި ފެތުރިގެން ހިނގައްޖެ ހިނދެއްގައި އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ބޭނުންވާނީ ޓެސްޓު ކުރުމުގެ ކަންތައް ކަމަށްވާތީ އެކަމަށް ސަރުކާރުން މި ދަނީ ތައްޔާރު ވަމުން" މިނިސްޓަރު ވިދާޅުވި އެވެ.

މި ބައްޔަށް މިހާތަނަށް ރާއްޖޭގައި 1500 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ޓެސްޓުކޮށްފަ އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއެކު ސަރުކާރުން ބޮޑު ހޭދަ އެއް ކޮށްގެން އައިޖީއެމްއެޗުގައި ޓެސްޓު ކުރުމުގެ މަސައްކަތް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި، އަތޮޅު ތެރޭގައިވެސް ޓެސްޓު ކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަ ކުރެއްވި އެވެ.

އަދި، މި ދުވަސްވަރަކީ ސަރުކާރުގެ އިރުޝާދުތަކާއި ފިޔަވަޅުތަކަށް ސަމާލުވާން ޖެހޭ ވަގުތު ކަމަށާއި އަދި މިއީ ލުއިކޮށް ދެކެންވީ ކަމެއްގެ ގޮތުގައިި ނުދެކުމަށް މިނިސްޓަރު ވަނީ އިލްތިމާސްކޮށްފަ އެވެ.

"މިއީ އަދި އަތް އުރާލައިގެން ތިބެން ޖެހޭ ވަގުތެއް ނޫން. ސަރުކާރުން މިކަމަށް އެޅި ފިޔަވަޅުތަކާއި ރައްޔިތުން ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން ދިން އިރުޝާދުތައް އަޑު އެހުމުގެ ސަބަބުން މިހާތަނަށް ރާއްޖެ މި ނުރައްކާތެރި މުސީބާތުގެ ތެރެއަށް ސޮއްސާލައިގެން ނުގޮސް އަދި ހިފަހައްޓާލެވެނީ. އަދި މި ކަމުގައި ވަރުބަލިވާންވީ ހިސާބަކަށް ނުދޭ، އަޅުގަަނޑުމެންނަށް މީގެ އެންމެ ނުރައްކާތެރި ހާލަތު ބައްދަލެއްވެސް ނުކުރޭ" މިނިސްޓަރު ވިދާޅުވި އެވެ.