ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހެލްތް މިނިސްޓަރު އަބްދުﷲ އަމީން

"މަސައްކަތް ހުއްޓާލައި އުފާ ފާޅުކުރާކަށް ނުވޭ"

މި ވަގުތަކީ ރާއްޖެއަށް ކޮވިޑް-19 ފެތުރިގެންދިޔަ މުއްދަތުގެ ތެރޭގައި ބައްޔާ ދެކޮޅަށް ހޯދުނު ކާމިޔާބީ އާއި ހޯދިފައިވާ ކުރިއެރުންތައް ނިންމާލައި އުފާފާޅު ކުރަންވީ ވަގުތު ނޫން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

އަމީން މިހެން ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން އަންނަ ކްރިޓިކަލް ހާލަތަށް ތައްޔާރުވުމަށް އައިޖީއެމްއެޗުން މިއަދު ފެށި ވޯކްޝޮޕެއް ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުނެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތީ ފަސޭހަ ދުވަސްތަކެއް ނޫން ކަމަށެވެ. އަދި މިވަގުތަކީ މިހާތަނަށް މި ބަލީގައި ރާއްޖެއިން ހޯދި ކާމިޔާބީ ފާހަގަކޮށް އުފާ ފާޅުކުރަންވީ ވަގުތެއް ވެސް ނޫން ކަމަށެވެ.

އަދި ވިދާޅުވީ ރާއްޖެއިން މިހާތަނަށް އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކޮރޯނާ ވައިރަސް ފެތުރުމުގެ ސުޕީޑް ލަސްވި ކަމުގައި ވިޔަސް މިހާ ހިސާބުން މަސައްކަތް ނިންމާލައި ދެއަތް އުރާ ލައިގެން ނުތިބެވޭނެ ކަމަށެވެ.

ރާއްޖެ ވަށައިގެންވާ ގައުމުތަކާއި އެހެން ބައްރުތަކުގައި ކޮރޯނާގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވަމުންދާއިރު ރާއްޖެއަށް ހުރި ގޮންޖެހުންތައް ކުޑަވެގެން ނުދާނެ ކަމަށާއި ނަމަވެސް ގުދުރަތީ ގޮތުން ރާއްޖެ އުފެދިފަ އޮތް ގޮތުންނާއި، ރާއްޖޭގެ ރަށްތަކާއި ރިސޯޓުތަކަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ހާލަތު ރަނގަޅު ކަމަށް ފެންނަނީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ވަރަށް އުދަނގޫ ފިޔަވަޅުތަކެއް އެބަހުރި. ދުނިޔޭގެ އެއްވެސް ގައުމެއްގަ މިހާތަނަށް އަޅަފައި ނުވާ ފިޔަވަޅުތަކެއް އަޅާފައި އެބަހުއްޓޭ ބުނުމަކުން ވެސް ދޮގަކަށް ނުވާނެ. އަޅުގަނޑުމެން ދުރާލާ ރަށްރަށަށް ދަތުރުކުރުން މަޑުޖައްސާލުމާ ރިސޯޓުތަކުން އެއްރަށުން އަނެއް ރަށަށް ދިއުން އަދި މާލެއަށް އައުން މަޑުޖައްސާލުމާއި އަދި ހޮޓާ ރެސްޓޯރަންޓްތައް ބަންދުކުރުމާއި އަދި އެނޫން ވެސް މީހުން އެއްވެ އުޅޭ ވަރަށް ގިނަ ހަރަކާތްތަށް މިވަނީ ހުއްޓުވާފައި،" އަމީން ވިދާޅުވި އެވެ. "އޭގެ ސަބަބުން އަޅުގަނޑުމެންނަށް ފަރުދީ ގޮތުން ހުރި އުދަނގޫތަކަކާއި މުޖުތަމައެއްގެ ގޮތުގަ މަސައްކަތް ކުރުމަށް ވަރަށް އުދަނގޫވޭ. ނަމަވެސް މިކަމުގައި ރައްޔިތުންގެ ކެތްތެރިކަމާއި ރާއްޖޭގެ ހުރިހާ ރަށަކުން ދޭ އެއްބާރުލުން އެއީ ރާއްޖޭގެ ތާރީހުގައި ވެސް ފާހަގަކޮށްލަންޖެހޭ ކަމެއް،"

އަމީން ވިދާޅުވީ 14 ދުވަސް ވަނަދެން ގޭގައި ތިބުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި ނަމަވެސް އެއީ މިވަގުތަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ބަލީގެ ނުރައްކާތެރިކަން އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނަށް ކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ އުމުރުން ދުވަސްވީ މީހުންގެ ރައްކާތެރި ކަމަށް އަޅައިލަން އާއިލާތަކަށް އިލްތިމާސް ކުރައްވާފަ އެވެ.

މީގެ އިތުރުން ކޮވިޑް-19 ރާއްޖެއަށް އައި ހިސާބުން ފެށިގެން ޑޮކްޓަރުންނާއި ނަރުހުން ކުރަމުންދާ ބުރަ މަސައްކަތްތަކާއި ސިއްހީ ދާއިރާއިގެ ލީޑާޝިޕަކީ ވަރަށް މަތީ ނަމޫނާއެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ފެށި ވޯކްޝޮޕްގައި ވާހަކަފުޅު ދައްކަވަމުން ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. އަރުން މާތުރް ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ދުރާލާ އަޅާފައިވާ ފިޔަވަޅުތަކަކީ އެހެން ގައުމަކުން މިހާތަނަށް ކޮށްފައިވާ ކަންކަން ނޫން ކަމަށެވެ. އަދި މި ބަލި ރާއްޖޭގައި ހަލުއި ކަމާއެކު ފެތުރިގެން ނުދިޔައީ މި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.

ދެހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ ވޯކްޝޮޕްގައި ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާދިނުމުގައި އެކަމުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި ނަރުުހުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ބަލި ޖެހިފައިވާ މީހާ ރަނގަޅުވުމާ ހަމަޔަށް އަމަލު ކުރަންވީ ގޮތް ކިޔައިދޭނެ އެވެ.